Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

މެރިޓައިމް ދާއިރާގެ ސްކޮލަޝިޕްތަކަށް ހުޅުވާލައިފި

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ކުންފުނިން ކުރިއަށް ގެންދަން ނިންމާފައިވާ ސްކޮލަޝިޕް ޕްރޮގްރާމް "ކަލާސީނު" ގެ ދަށުން ރާއްޖޭން ބޭރުން މެރިޓައިމް ދާއިރާ އިން ތަމްރީނު ހޯދުމުގެ ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި އެވެ.

މީގެ ދަށުން ތިން ކޯހަކަށް ވަނީ ހުޅުވާލައިފަ އެވެ. އެއީ އިންޖީން އޮފިސަރު ކެޑޭޓް ޓްރެއިނިން އާއި ރީފާ ޓެކްނީޝަންގެ އިތުރުން ނެވިގޭޝަން އޮފިސަރު ކެޑޭޓް ޓްރޭނިން ކޯހެވެ.

މި ތިން ކޯހުގެ ތެރެއިން ނެވިގޭޝަން އޮފިސަރު ކެޑޭޓް ޓްރޭނިން ކޯހުގައި ފުރުސަތު ދޭން ނިންމާފައި ވަނީ ދެ މީހަކަށެވެ. އެގޮތުން 36 މަސް ދުވަހުގެ ކޯހުގެ ޝަރުތުތަކަކީ އުމުރުން 18-21 އަހަރާ ދެމެދުގެ މީހަކަށްވުމާ އެކު އޭ ލެވެލް ދެ މާއްދާ (ފިޒިކްސް ހިމެނޭ ގޮތަށް) ފާސްވެފައިވުމެވެ. މި ސްްކޮލަޝިޕްގެ ދަށުން ކޯސް ފުރިހަމަކުރާ މީހުން އެމްއެސްއެސްގައި 18 މަސް ދުވަހުގެ ބޮންޑެއް ފުރިހަމަކުރަން ޖެހޭނެ އެވެ.

ސްކޮލަޝިޕްގެ ދަށުން އިންޖީން އޮފިސަ ކެޑޭޓް ޓްރޭނިން ކޯހުން ވެސް ފުރުސަތު ދޭން ހަމަޖެހިފައި ވަނީ ދެ މީހަކަށެވެ. މި ކޯހުގެ ވެސް ޝަރުތުތަކަކީ ނެވިގޭޝަން އޮފިސަ ކެޑޭޓް ޓްރޭނިން ކޯހުގެ ޝަރުތުތަކެވެ.

ރީފަ ޓެކްނިޝަންގެ އެއް ފުރުސަތަށް ހުޅުވާލި އިރު މިއީ 12 މަސް ދުވަހުގެ ކޯހެކެވެ. ޝަރުތުތަކަކީ އުމުރުން 18-25 އަހަރާ ދެމެދުގެ މީހަކަށްވުމާ އެކު ފިޒިކްސް ހިމެނޭ ގޮތަށް އޯ ލެވެލްގެ ތިން މާއްދާ އިން ފާސްވެފައިވުމެވެ. އަދި ކޯސް ފުރިހަމަކުރުމަށް ފަހު އެއް އަހަރުގެ ބޮންޑެއް އޮންނާނެ އެވެ.

ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑި މި މަހުގެ 17 އާ ހަމައަށް އޮންނާނެ އެވެ. އިތުރު މައުލޫމާތު ނަންބަރު 3029200 އިން ލިބޭނެ އެވެ.