Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

އަލީ ވަހީދު ހައްޔަރުކުރަން ރެޑް ނޯޓިސް ނެރެފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލާގައި ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ރެޑް ނޯޓިސް ނެރެފައިވާކަމަށެވެ. އަދި އެ ރެޑް ނޯޓިސްއާ ގުޅިގެން ޕީޖީ އޮފީހާ އެކުގައި ކުރަންޖެހޭ މަސައްކަތްތައް މިހާރުދަނީ ކުރަމުން އަންނަކަމަށެވެ.

އަލީ ވަހީދު ހައްޔަރު ކުރުމަށް ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފައިވީނަމަވެސް، އިންޓަޕޯލްގެ ވެބްސައިޓުގައި އެ މައުލޫމާތު އަދި އާންމު ކޮށްފައެއް ނުވެއެވެ.

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ.

އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕީޖީ ޝަމީމާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ޓްވީޓުތައް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ.