ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލާގައި ނޫސްވެރިޔަކު ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ލައިވްކުރަން ނިންމައިފި އެވެ.
"ދިޔަރެސް" އޮންލައިންގެ ނޫސްވެރިޔާ އަހުމަދު އަޒާން ހުށަހެޅި މައްސަލައިގެ ޝަރީއަތް ލައިވްކުރަން ނިންމީ އެ މައްސަލާގައި ޝަރީއަތް މިއަދު ފެށުމާ އެކު، އޭނަގެ ފަރާތުން ޝަރީއަތް ލައިވްކޮށްދޭން އެދުމުންނެވެ. އަދި އެކަމާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ދެކޮޅު ހަދާފައިވާ ނުވާ އިރު، ފަނޑިޔާރުންގެ ބެންޗުން ވެސް ނިންމެވީ ޝަރީއަތް ލައިވްކުރުމަށެވެ. އެގޮތަށް ނިންމުމާ ވިދިގެން މިއަދުގެ އަޑުއެހުން އިތުރަކަށް ކުރިއަކަށް ނުގެންދެ އެވެ.
ހައި ކޯޓުން ޝަރީއަތްތައް ލައިވްކުރާނީ ޔޫޓިއުބް މެދުވެރިކޮށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ނިންމުމުން އަޒާންގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް 2020 ގައި ހުށަހެޅި އެވެ. އަދި އެތަނުން ވެސް ނިންމީ މިނިސްޓްރީގެ ނިންމުން ރަނގަޅު ކަމަށެވެ. އެހެންވެ
އެ ނިންމުން އިސްތިއުނާފުކުރަން އަޒާންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާ އިރު، އެ މީހުން ރާއްޖޭން ބޭލުމަށް ގޮވާލައި އިދިކޮޅުން އަންނަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ވެސް ހިންގަމުންނެވެ. އޭގައި އިސްކޮށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.