ރަޝިޔާއާ ދެކޮޅަށް ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއެކު ރަޝިޔާގެ މަހުޖަނުންތަކެއްގެ ސުޕަޔޮޓުތައް ރާއްޖެ އަށް އައިސްފައިވާ ކަމަށް ބޭރު މީޑިއާތަކުން ބުނެފިއެވެ.
"ރޮއިޓާސް"އިން ރިޕޯޓް ކޮށްފައިވާގޮތުގައި ރަޝީޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމާ ގުޅިގެން ރަޝިޔާގެ އެކި ފަރާތްތަކާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކުން ސަލާމަތްވުމުގެ ގޮތުން ރަޝީޔާގެ ބިލިއަނަރުންގެ ފަސް ސުޕަޔޮޓެއް ވަނީ ރާއްޖެއަށް އައިސްފައެވެ.
ރޮއިޓާސްއިން ރިޕޯޓްކުރާ ގޮތުގައި މި ސުޕަޔޮޓްތައް ރާއްޖެ އައިސްފައިވަނީ އެމެރިކާއާއެކު އެކްސްޓްރަޑިޝަން މުއާހަދާއެއް ރާއްޖެއިން ހަދާފައި ނޯންނާތީއެވެ.
ޝިޕިން ޑޭޓާބޭސް މެރިންޓްރެފިކާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ ރަޝިޔާގެ މަހުޖަނު އޮލެގް ޑިރިޕަސްކާގެ ސުޕާޔޮޓް 'ކްލިއޯ' ބުދަ ދުވަހު މާލޭގައި ބަނދަރުކުރިކަމަށެވެ. މީގެއިތުރުން ރަޝިޔާގެ މަހުޖަނު އެލެގްޒެންޑާ އަބްރަމޯވްގެ ސުޕަޔޮޓް 'ޓައިޓަން'ވެސް ފެބްރުއަރެީ 28 ވަނަ ދުވަހު ރާއްޖެ އައިސްފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
މީގެއިތުރުން ރަޝިއާގެ ބިލިއަނަރުންގެ މިލްކިއްޔާތުގައި އޮތް އިތުރު ތިން ސުޕަޔޮޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވާކަމަށް ވެސް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.
ރޮއިޓާސްއިން ބުނެފައިވަނީ މިކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ބަހެއް ހޯދުމަށް މަސައްކަތް ކުރިނަމަވެސް ކޮމެންޓެއް ލިބިފައި ނުވާކަމަށެވެ.