Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ބޭއިންސާފުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނަން: އަލީ ވަހީދު

އަލީ ވަހީދު - ފޮޓޯ: ސަން

ބޭއިންސާފާ އަނިޔާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް، ޖިންސީ ގޯނާ އަދި ރޭޕްގެ ތުހުމަތުކުރެވޭ އަދި ހައްޔަރު ކުރުމަށް ރެޑް ނޯޓިސް ނެރެފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ ހައްޔަރު ކުރުމަށް ރެޑް ނޯޓިސް ނެރެފައިވާކަން ފުލުހުން ހާމަކުރިފަހުން ކުރެއްވި ޓްވީޓެއްގައި އަލީ ވަހީދު ވިދާޅުވީ، ފްރޭމް ފަޅާއަރާ ނުޙައްޤުންދޭ އަނިޔާގެ ބަދަލުވެސް ހޯދާނެކަމަށެވެ. އަދި މައުސޫމްކަން ސާބިތު ކޮށްދޭނެކަމަށާއި، ސަރުކާރާ ދެކޮޅަށް ހުރިހުރުން ގުޑުވާނުލެވޭނެ ކަމަށެވެ.

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ.

އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕީޖީ ޝަމީމާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ޓްވީޓުތައް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ.