Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު ޖުޑިޝަލް ސާވިސް ކަމިޝަން

ހައިކޯޓުގެ އަމުރު "ސަސްޕެންޑްކުރި" ފަނޑިޔާރުގެ މައްސަލަ ބަލަނީ

މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު--

ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން ނެރުނު އަމުރެއް "ސަސްޕެންޑް"ކުރި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނެފައި ވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައާއި އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބެލެވޭކަމަށެވެ.

އެހެންކަމުން މެޖިސްޓްރޭޓް ރަފީޢުއްދީން އަހުމަދުގެ ސުލޫކީ މައްސަލައެއް ތަހުޤީޤުކުރުމަށް ޖޭއެސްސީގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައި ވާތީ، 2022 މާރޗް 02 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ މިއަހަރުގެ 14 ވަނަ ޖަލްސާގައި އެ މައްސަލަ ތަޙްޤީޤުކުރުމަށް ތަހުޤީޤު ކޮމިޓީ އެކުލަވާލެވިފައިވާ ކަމަށެވެ.

ހައިކޯޓުގެ އަމުރެއް 90 ދުވަހަށް "ސަސްޕެންޑް"ކޮށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބޭސްފަރުވާ އަށް ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ، 2020 ވަނަ އަހަރު ރާއްޖެއަށް 80 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުވާ ކޮށްފައިވާ ހިތަދޫ/މަންދޫބުގޭ ރުޝާން އަހުމަދުދީދީ އެވެ.

ރުޝާން ދޫކުރި މައްސަލަ މިހާރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ހައިކޯޓުގެ އަމުރެއް "ސަސްޕެންޑް"ކޮށް މިހަކު ދޫކުރުމުން ޕީޖީ ހުސައިން ޝަމީމް ވަނީ އެކަމުގައި ނުރުހުން ފާޅުކޮށް ޓްވީޓެއްވެސް ކޮށްފައެވެ. އަދި ޕީޖީގެ ޓްވީޓަށް ހިތަދޫ މެޖިސްޓްރީޓް ކޯޓުން ރައްދުދީ ބަޔާނެއްވެސް ނެރެފައިވެއެވެ.