Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ޑރ. ތާރިގު އައްޑޫ ދޫކޮށް ދަނީ، ގިނަ ބަޔަކަށް މާޔޫސްކަން!

އައްޑޫގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުގެ ބައެއް އަތޮޅުތަކުގެ ރައްޔިތުންގެ ވެސް ވަަރަށް ބޮޑު އިތުބާރެއް ހޯދާފައިވާ އައްޑޫގައި މަސައްކަތްކުރައްވާ ކިޑްނީގެ ހާއްސަ ޑޮކްޓަރު ތާރިގް ސުރޫރް އައްޑޫގައި މަސައްކަތްކުރައްވާތާ ގިނަ ދުވަސްތަކެއް ފަހުން އައްޑޫ ދޫކޮށްލައްވަން ނިންމަވައިފި އެވެ.

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކިޑްނީގެ ބަލީތަކާއި އެތެރެހަށީގެ ބަލިތަކަށް ވެސް ހާއްސަ ޑޮކްޓަރު އައްޑޫ ދޫކުރައްވައި އަމިއްލަ ގައުމު ސީރިއާ ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ މެދުތެރޭގަ އެވެ.

މިކަމާ ބެހޭ ގޮތުން އޭއީއެޗްގެ އޮފިޝަލަކު ވިދާޅުވީ ޑޮކްޓަރު އަމިއްލަ ގޮތުން ގައުމަށް ވަޑައިގަންނަވަން ބޭނުންވެވަޑައިގެންނެޗވީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޠޯރިގަށް ވަނީ ސީރިއާ ވެރިރަށުގެ ހޮސްޕިޓަލަކުން ވަޒީފާ ހަަމަޖެހިފަ އެވެ. އެހެންވެ އެނބުރި ގައުމަށް ހިދުމަތް ކުރެއްވުމަށް ނިންމެވީ އެވެ.

ޑރ. ތާރިގު އައްޑޫ ހޮސްޕިޓަލް ދޫކުރައްވައި ވަޑައިގަންނަވާތީ އެކަމުގެ މާޔޫސްކަން ވަރަށް ގިނަ ބަޔަކު މިހާރު ދަނީ ސޯޝަލް މީޑިއާގައި ވެސް ފާޅުކުރަމުންނެވެ.

އޭނާ އަކީ ބަލި މީހުންނާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ އަދި ފަރުވާ ދެއްވުމުގައި ބަލިމީހުންގެ އިތުބާރާއި އިހުތިރާމު ވަރަށް ބޮޑަށް ހޯއްދަފައިވާ ޑޮކްޓަރެކެވެ.