މިހާތަނަށް އޭވިއޭޝަން ދާއިރާ އިން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިމަޖެންސީ އެކްސަސައިޒް މި މަހުގެ 16 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްފައި ބާއްވަން ނިންމައިފި އެވެ.
މި އެކްސަސައިޒަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެމްއޭސީއެލުން ބުނީ މިއީ އެއާޕޯޓްގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ސަލާމަތީ ކަންކަމާއި ގުޅިގެން ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދާ ހާއްސަ އެކްސަސައިޒެއް ކަމަށެވެ. މި ހަރަކާތުގެ އެއާލައިން ޕާޓްނަރެއްގެ ގޮތުގައި އެމިރޭޓްސް ވެސް ބައިވެރިވާނެ އެވެ. މި މި ހަރަކާތް ކުރިއަށްދާ ވަގުތުތަކުގައި އެއާޕޯޓްގެ ސީ ޕްލޭން ރަންވޭ ފިޔަވައި ދެން ހުރި ރަންވޭތަކުގެ އޮޕަރޭޝަން މަސައްކަތްތައް ދެ ގަޑިއިރަށް މެދުކެނޑޭނެ އެވެ. ނަމަވެސް އެއާޕޯޓްގެ އޮޕަރޭޝަންތަކަށް މާ ބޮޑު ދައްޗެއް ކުރިމައްޗއް ނުވާނެ އެވެ.
މި އެކްސަސައިޒްގައި 29 އެޖެންސީއަކުން 400 ވޮލުންޓިއަރުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި މޯލްޑިވްސް ގާލް ގައިޑް، ސްކައުޓް އަދި ކެޑޭޓް ފަދަ އެސޯސިއޭޝަންތައް ވެސް ހިމެނެ އެވެ. އަދި މީގެ ތެރޭގައި މާލެ ސަރަހައްދުން ފަސް ހޮސްޕިޓަލަކުން ހަރަކާތުގައި ބައިވެރިވާނެއެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗް، އޭޑީކޭ، ސެނެހިޔާ މެޑިކަލް ހޮސްޕިޓަލް އަދި ޓްރީ ޓޮޕްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް ހިމެނެ އެވެ.
މި މަހުގެ 16 ވާ ބުދަ ދުވަހު ހަރަކާތް ކުރިއަށް ދާނީ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށެވެ.