ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން މީދޫ ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓަކަށް ކުރީގެ މީދޫ ބޮޑު ކަތީބު އަބްދުﷲ ހާނީ ހަމަޖައްސައިފި އެވެ.
މީދޫ/މަރަދޫފޭދޫ ހިމެނޭ ދާއިރާގެ ގޮޑިއަށް ވާދަ ކުރުމަށް ޖޭޕީގެ ޓިކެޓް ހާނީއަށް ލިބުނު އިރު އެ ދާއިރާއިން ކުރިމަތިލާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ އިއްލާންކޮށް ކެމްޕެއިން ވެސް ފަށައިފަ އެވެ.
މީދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓް ހޯދާފައިވަނީ މިހާރުގެ ތުލުސްދޫ ދާއިރާ ތަމްސީލްކުރާ ރޮޒެއިނާ އާދަމްއެވެ.
ގިނަ ފަރާތްތަކުން ގަބޫލް ކުރާ ގޮތުގައި މީދޫ/މަރަދޫ ފޭދޫ ދާއިރާގެ ގޮޑި ކާމިޔާބުކުރުމުގެ ފުރުސަތު އެންމެ ބޮޑީ ހާނީއަށެެވެ. އެއީ އެމްޑީޕީން ޓިކެޓްލިބުނު ރޮޒެއިނާ އާދަމްއަށް އާއިލީ ގޮތުން މީދޫން ލިބެން ހުރި ގިނަ ވޯޓު ހާނީ ހޯއްދަވާނެތީއެވެ. އަދި ހާނީގެ އަނބިކަބަލުންނަކީ މަރަދޫ ފޭދޫގެ ބޮޑު އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ފަރާތަކަށް ވެފައި މަރަދޫ ފޭދޫން ގިނަ ވޯޓުލިބޭނެތީއެވެ. އަދި ރޮޒެއިނާއާއި ހުރިހާ މާނައެއްގައި ހާނީއަށް ވާދަކުރެވޭނެތީއެވެ.
ގިނަ ދުވަސްތަކެއް ވަންދެން މީދޫ ބޮޑުކަތީބުކަން ކުރެއްވި އަބްދުﷲ ހާނީއަކީ ދިވެހި އަދަބިއްޔާތު، އަރަބި، އުރުދޫ، އަދި ޝަރުއީ ދާއިރާއިން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެކެވެ. އަދި އިލްމަށް ލޯބިކުރައްވާ، މީދޫ ސްކޫލްގައި ގިނަ ދުވަސްތަކެއްވަންދެން ކިޔަވައި ދެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްވެސްމެއެވެ.
މީދޫ /މަރަދޫ ދާއިރާގެ ގޮޑި ހާނީއަށް ލިބުމަކީ މަރަދޫ ފޭދޫގެ ގިނަ ބަޔަކުވެސް އެދޭނެގޮތް ކަމަށް ބެލެވެއެވެ.