Last Updated: July 12, 17:10
Sunday, July 12, 2026
ވިޔަފާރި

ހޮންޑާ އާއި ސޮނީ ގުޅިގެން އީީވީ އުފައްދަނީ

މަޝްހޫރު ވަރުގަދަ ދެ ކުންފުނި ކަމަށްވާ ޖަޕާންގެ ހޮންޑާ އާއި ސޮނީ ގުޅިގެން އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދަން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ދެ ކުންފުނި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭނުން ވަނީ ޖޮއިންޓް ވެންޗާއެއްގެ ދަށުން އިލެކްޓްރިކް ކާރު އުފައްދައި، ވިއްކަން ކަމަށެވެ. އެގޮތުން ހޮންޑާ އާއި ސޮނީގެ ޖޮއިންޓް ވެންޗަ ކުންފުނި މި އަހަރުގެ ފަހުކޮޅު ރަސްމީކޮށް ވުޖޫދަށް ގެންނާނެ ކަމަށް ބުންޏެވެ. ކުންފުނި ވުޖޫދަށް ގެނައުމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން މިހާރު އަންނަނީ ކުރަމުންނެވެ. އަދި ދެ ކުންފުނި ގުޅިގެން އީވީ އުފައްދައި އޭގެ ވިޔަފާރި ފަށައިގަންނާނީ 2025 ގައި ކަމަށް ވެސް ބުންޏެވެ.

"އާ ކުންފުނީގެ ދަށުން އީވީ އުފެއްދުމުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލައި، އީވީ ޑިޒައިންކުރުމާއި ޑިވެލޮޕްކުރުމާއި ވިއްކުން ކުރިއަށް ގެންދެވޭނެ،" ބަޔާމުގައި ބުންޏެވެ. "އަދި މި މަސައްކަތުގެ ޕްރޮޑަކްޝަން ހޭންޑްލްކުރާނީ ހޮންޑާ ފެސިލިޓީއެއްގައި."

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ވަރުގަދަ ޓެކް ކުންފުންޏެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސޮނީން އީވީ އުފެއްދުމުގެ ޖޮއިންޓް ވެންޗާގައި މައިގަނޑު ގޮތެއްގައި އަދާކުރާނެ ދައުރަކީ މޮބިލިޓީ ސާވިސް އެވެ. އެކަމަކު އެކަމާ ބެހޭ މާ ބޮޑު ތަފުސީލެއް ނުދެ އެވެ.

އީވީ އުފެއްދުމަކީ މިހާރު ކުންފުނިތަކުގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދެމުން އަންނަ ކަމެކެވެ. އެގޮތުން ކާރު އުފައްދާ ހުރިހާ ކުންފުންޏެއްހެން މިހާރު އެންމެ ބޮޑަށް އަމާޒުހިފަނީ އީވީއަށެވެ. މި ދާއިރާ އިން މި ވަގުތު އެންމެ ނަގާކިޔާ ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކްގެ ޓެސްލާ އެވެ.

ސްމާޓްފޯނުގެ ވިޔަފާރީގައި އެންމެ ނަގާ ކިޔާ އެއް ކުންފުނި ކަމަށްވާ އެމެރިކާގެ އެޕަލް ވެސް މިހާރު އަންނަނީ ސެލްފް ޑްރައިވިން ކާރު ނެރުމަށް މަސައްކަތްކުރަމުންނެވެ. ފޯނު ކުންފުނިތަކުގެ ތެރެއިން ޗައިނާގެ ޝޯމީ އަކީ ވެސް އީވީ އުފައްދަން ނިންމާފައިވާ ކުންފުންޏެކެވެ.