Last Updated: July 18, 17:45
Sunday, July 19, 2026
ކުޅިވަރު

ހަބޭސް، ޖަންޓާ އަދި ޑީސީ ކުއާޓާ އަށް

އެފްސީ ހަބޭސްގެ ކުޅުންތެރިން

އައްޑޫގައި މިހާރު ކުރިއަށް "އައްޑޫ ސްޓްރީޓް ސޮކަ ކަޕް" ގެ ކުއާޓާ ފައިނަލަށް އެފްސީ ހަބޭސް އާއި ޖަންޓާ ގަރާޖު އަދި ޑީސީ ސްޕޯޓްސް ދަތުރުކޮށްފި އެވެ.

ހަބޭސް މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ ރޭ ހިތަދޫ ޕޮލިސްއާ ދެކޮޅަށް ކުޅުނު މެޗު 7-0 އިން ކާމިޔާބުކޮށްގެންނެވެ.

މި މޮޅާއެކު ގްރޫޕް އޭގައި ހިމެނޭ ހަބޭސް ކުއާޓާ އަށް ދަތުރުކުރީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގައި ހަބޭސް އަށް ވުރެ އެއް މެޗު މަދުން ކުޅެ ހަތަރު ޕޮއިންޓާ އެކު ފެނަކަ އޮތްއިރު ތިންވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ގަބުރު އެފްސީ އެވެ. ހިތަދޫ ޕޮލިސް މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ރޭގެ މެޗުގައި ހަބޭސް އިން ކާމިޔާބުކުރި ހަތް ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށްދީ ހުސެއިން އަލީ ވަނީ ހެޓްރިކެއް ހަދާފަ އެވެ. އަދި ދެ ގޯލު އިސްމާއިލް މުނީޒު ކާމިޔާބުކޮށްދިންއިރު އަނެއް ގޯލު ކާމިޔާބުކޮށްދިނީ އަލީ ލިރުއާމް އެވެ. އަދި އަނެއް ގޯލަކީ ހިތަދޫ ޕޮލިސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ގްރޫޕް ބީގައި ހިމެނޭ ޖަންޓާ ގަރާޖު ކުއާޓާ އަށް ދަތުރުކުރީ ރޭ މަރަދޫ ޔުނައިޓެޑާއި ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިފައި ނުވާއިރު މެޗުގެ ހަމައެކަނި ގޯލު ޖަންޓާ ގަރާޖަށް ކާމިޔާބުކޮށްދިނީ ހަސަން ލައުހް އެވެ.

ޖަންޓާ ގަރާޖު ކުއާޓާ އަށް ދަތުރުކޮށްފައިވަނީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން ބަލިވި މަރަދޫ ޔުނައިޓެޑަށް ތިން މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޔަންގް މަޖެންޓާ އަށް ދެ މެޗުން ދެ ޕޮއިންޓު ލިބިފައިވާއިރު ގްރޫޕްގެ ފުލުގައި ދެ މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އޮތީ އޮޑައްސައު ރެކްރިއޭޝަން ކްލަބެވެ.

މުބާރާތުގައި ރޭ ކުޅުނު ތިންވަނަ މެޗުގައި ޑީސީ ސްޕޯޓްސް އާއި ކަޅަ ބެންޗާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޑީސީ ސްޕޯޓްސްގެ ގޯލު ހަސަން ނޫރިޝް ކާމިޔާބުކޮށްދިންއިރު ކަޅަ ބެންޗާގެ ގޯލު ކާމިޔާބުކޮށްދިނީ ސަޖާހު ރަޝީދެވެ.

ގްރޫޕް ސީގައި ހިމެނޭ ޑީސީ ސްޕޯޓްސް ކުއާޓާ އަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު އެވެ. ރޭގެ މެޗާއެކު ކަޅަ ބެންޗާ އަށް މިހާރު ވަނީ މުބާރާތް ނިމިފަ އެވެ. އެޓީމަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. މި ގްރޫޕްގެ ދެވަނައިގައި ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އެފްސީ އަފިރިން އޮތްއިރު ގްރޫޕްގެ ފުލުގައި ދެ މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އޮތީ އޭއޭއާރްސީ އެވެ.

މި މުބާރާތުގައި މިރޭ ވެސް ތިން މެޗު ކުޅޭނެ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެލީޓް ސްޕޯޓްސް އެކެޑެމީ އާއި ޔަންގް ވަންސް އެވެ. ދެވަނަ މެޗުގައި ގަބުރު އެފްސީ އާއި ޓީމު ފެނަކަ ބައްދަލުކުރާއިރު ފަހު މެޗުގައި ޔަންގް މެޖެންޓާ ނިކުންނާނީ އޮޑައްސައު ރެކްރިއޭޝަން ކްލަބާއި ދެކޮޅަށެވެ. މުބާރާތުގެ މެޗުތައް ފަށާނީ ރޭގަނޑު 8:30 ގަ އެވެ.

"އައްޑޫ ސްޓްރީޓް ސޮކާ ކަޕް" އަކީ 2011 އިން ފެށިގެން ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ.