Last Updated: June 23, 06:01
Tuesday, June 23, 2026
ޚަބަރު

ފޭރެން އުޅެނިކޮށް ސައިކަލަކުން ވެއްޓި އަނިޔާވެއްޖެ

ރޭ މެންދަމު ހިތަދޫގައި ފޭރެން އުޅުނު މީހަކު ފިލަން ބާރު ސްޕީޑްގައި ސައިކަލް ދުއްވަނިކޮށް ކަހާލައިގެން ވެއްޓި އަނިޔާތަކެއްވެއްޖެ އެވެ.

ހިތަދޫ ބޮޑުމަގުގައި ރޭ 2:30 އެހާކަށްހާ އިރު ހިނގި މި ހާދިސާގައި ފޭރެން އުޅުނު މީހާ ކޮންޓްރޯލް ނުވެ ސައިކަލުން ވެއްޓުނު ވަގުތާ ފުލުހުންނާ ވެސް ދިމާވެގެން، އެ ހާދިސާ އަށް އެޓެންޑްވި އެވެ.

އެނގިފައިވާ ގޮތުގައި ފޭރެން އުޅުނީ ފިހާރައެއްގެ ސެކިއުރިޓީ ގާޑަކަށް އިން މީހެއްގެ އަތުންނެވެ. ފޭރެން އުޅުމުން ގާޑް ހަޅޭއްލަވައިގަތް އަޑަށް އެ ސަރަހައްދަށް ބަޔަކު ދިއުމުން ފޭރެން އުޅުނު މީހާ ސައިކަލަށް އަރައިގެން ދުއްވާލި ވަގުތު އޭނާ ފަހައި ބަޔަކު ފަހަތުން ދިޔަ އެވެ. އަދި ސައިކަލުން ވެއްޓުނީ އެ މީހުންނަށް އަތުނުވާންވެގެން ބާރަށް ދުއްވަނިކޮށް ކޮންޓްރޯލް ނުވެ ކަހާލައިގެންނެވެ.

މި ހާދިސާގައި އޭނާ އަށް އެކި ވަރުގެ ޒަހަމްތައް ލިބުނު ނަމަވެސް ސީރިއަސް ގެއްލުމެއް ނުވާ ކަމަށް އެނގިފައިވެ އެވެ.

ތަންތަނުގެ ސެކިއުރިޓީންނަށް ތިބޭ މީހުންގެ އަތުން ފޭރެން އުޅުމުގެ ހާދިސާތަކަކީ ހިތަދޫގައި ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ. މިފަދަ ބައެއް ހާދިސާތަކުގައި ބައެއް މީހުންނަށް ތޫނު އެއްޗެހިން މީގެ ކުރިން ހަމަލާ ވެސް ދީފައިވެ އެވެ.