Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

އެސްޓީއޯގެ ފުށް ފެކްޓަރީ ކުޅުދުއްފުށީގައި

އެސްޓީއޯ އިން ހަދަން ނިންމާފައިވާ ފުށް ފެކްޓަރީ ހދ. ކުޅުދުއްފުށީގައި ހަދަން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ވިދާޅުވީ ކުޅުދުއްފުށިން ބިން ހަމަޖެހުނުހާ އަވަހަކަށް ފެކްޓަރީގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމަށް ކުޅުދުއްފުށި ކަނޑައެޅީ އެ ތަނަކީ އުތުރުގެ ވިޔަފާރިގެ މައި މަރުޒަށްވެފައި، މަސައްކަތްތައް ކުރަން ފަސޭހަވާނެތީ އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނިން ބުނި ގޮތުގައި ރާއްޖޭގައި ގޮދަންފުށުގެ ފެކްޓަރީއެއް ހަދަން ނިންމީ ކާނާގެ ޔަޤީންކަން އިތުރަށް ކަށަވަރުކޮށް ކާޑުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމަށް ކުރާ ޚަރަދު ވެސް ކުޑަކުރުމުގެ ގޮތުންނެވެ. ކުޅުދުއްފުށީގައި ހަދާ ފެކްޓަރީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ރާއްޖޭ ބޭރުން ގޮވާން އެތެރެކޮށް ފެކްޓަރީގައި ތައްޔާރުކޮށް، ބަންދުކުރާ ގޮތަށެވެ.

"އަޅުގަނޑުމެން ކުޅުދުއްފުށީ ކައުންސިލާ މިދިޔަ ހަފްުތާގައި އެ ރަށަށް ގޮސް ބައްދަލުކޮށްފިން. ކައުންސިލުން ވަރަށް ބޮޑަށް މަރުހަބާކީ އިނގޭތޯ އެ ކަމަށް. އަޅުގަނޑުމެން ވަރަށް އުފާކުރަން އެކަމާ. އެކަމުގެ ސަބަބުން ކުޅުދުއްފުއްޓަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ. ބައިވަރު ވަޒީފާ އުފެދިގެން ދާނެ،" އަމްރު ވިދާޅުވި އެވެ. "އޭގެ އިތުރުން އެ ކަހަލަކަމެއް އަޅުގަނޑުމެން ކުރީމާ އޭގެ ސަބަބުން އިތުރު ވިޔަފާރިތަކެއް އެބަ ހުޅުވިގެންދޭ. އެއީ ލޮޖިސްޓިކްސް ވިޔަފާރި އާއި އަނެއްކާ އެތަން ވާނީ މުޅި ރާއްޖެ އަށް ފުށް އުފައްދައިދޭ ކާރުޚާނާއަކަށް. އެހެންވީމަ ދޯނިފަހަރު ވެސް ހަމަ އެތަނަށް ވަރަށް ގިނަ އަދަދަކަށް ދާނެ."

އޭނާ ވިދާޅުވި ގޮތުގައި ގޮދަންފުށް ފެކްޓަރީ ބޭނުންވާ ސާވޭތަކުގެ މަސައްކަތާއި އެކަމަށް ބޭނުންވާ ފަންޑު ވެސް މިހާރު ވަނީ ހަމަޖެހިފ އެވެ.