ސްރީ ލަންކަން އެއާލައިންސުން ގަމަށް ކުރާ ދަތުރުތަކުގައި މިހާރު ދުނިޔޭގެ އެކި ހިސާބުތަކުން އަންނަ ޓޫރިސްޓުން އިތުރުކުރެވެމުން އަންނަ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ އޭޖެންޓް، އޭސް މޯލްޑިވްސް އިން ބުނެފި އެވެ.
އެ ކުންފުނީގެ ވެރިޔާ މުހައްމަދު ފިރާގު މިއަދު ވިދާޅުވީ ގުޅިގެން ކުރެވޭ މަސައްކަތްތަކުން ކާމިޔާބު ހޯދޭނެ ކަމަށެވެ. އެގޮތުން ގަމަށް މިދިޔަ މަހުގެ ފަހުކޮޅު އަލަށް ޝެޑިއުލް ދަތުރު ފެށި ޑޮމެސްޓިކް އެއާލައިން، މަންޓާ އެއާގެ ދަތުރު، ގަމަށް ސްރީ ލަންކަން އިން ކުރާ ދަތުރުތަކާ ދިމާވާ ގޮތަށް ހެދުމުން މިހާރު އިޓަލީ އާއި އިނގިރޭސިވިލާތާއި ސްޕެއިނާއި ޖަރުމަނާއި ދުބާއީން ގަމަށް ޓޫރިސްޓުން ގެނެވެން ފަށާފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ހޮނިހިރު ދުވަހަކު ގަމަށް ބާއްވާ ދަތުރުތަކުގެ ތެރެއިން މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށް ފިރާގު ވިދާޅުވި އެވެ.
"މިކަމަށްޓަކައި އޭސް އިން ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން." އޭނާ ވިދާޅުވި އެވެ.
ސްރީ ލަންކަން އިން އަންނަ މީހުންނަށް މަންޓާ މެދުވެރިކޮށް ހުވަދު އަތޮޅަށް ކަނެކްޓިވިޓީ ދޭން ފެށުމުން މި ސަރަހައްދުގެ ޓޫރިސްޓް ފެސިލިޓީތަކަށް އަންނަ ޓޫރިސްޓުންގެ އަަދަދު ބޮޑުތަނުން އިތުރުވާން ފަށާނެ އެވެ. ސްރީ ލަންކަން އިން މި ވަގުތު ގަމަށް ބާއްވަނީ ހަފުތާ އަކު އެއް ފްލައިޓް ނަމަވެސް މި މަހުގެ 29 އިން ފެށިގެން ދަތުރު ދޭކަށް އިތުރު ވެސް ކުރާނެ އެވެ.
މި ގޮތަށް ސްރީ ލަންކަން އާއި މަންޓާއާ ދެމެދު އެއްބަސްވުމަކަށް އައީ މިދިޔަ މަހުގެ 23 ގަ އެވެ.
ސްރީ ލަންކަންގެ އަމާޒަކީ ރާއްޖޭގެ އެންމެ ދެކުނަށް އަންނަ ޓޫރިސްޓުން އިތުރުވާން ފެށުމުން ކުރިއަށް އޮތް ތަނުގައި ވެސް ދަތުރު އިތުރުކުރުމެވެ. އަދި މިކަމަށް އެހީތެރިވުމުގެ ގޮތުން މަންޓާގެ ވިސްނުމަކީ މާލެ ސަރަހައްދަށް އަންނަ ޓޫރިސްޓުންނަށް ވެސް ގަމުން މާލެ އަށް ވެސް ކަނެޓްކްޓިވީ ދެވޭ ގޮތަށް ހަމަޖެއްސުމެވެ.