ޔޫކްރެއިންގައި މިހާރު ބާކީ ތިބި ދިވެހިން މިއަދު ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނެފައިވަނީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ނާދެވި ޔޫކްރެއިންގައި ތިބި ހަ ދިވެހިންނާއި ތިން މީހުންގެ އާއިލާއެއް މިހާރު ހަންގޭރީން ރާއްޖެއަށް ދަތުރުކުރަމުން އަންނަކަމަށެވެ. އަދި އެމީހުންނަށް މިއަދު ރާއްޖެ އާދެވޭނެކަމަށެވެ.
މީގެއިތުރުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ ބެލަރުސް އަދި ރަޝިޔާގައި ތިބި ދިވެހި ކިޔަވާކުދިންގެ ތެރެއިން އެނބުރި އަންނަން ބޭނުންވާ ކުދިންނަށް ސަރުކާރުގެ ހަރަދުގައި އެނބުރި އައުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
އެގޮތުން ބެލަރުސްގައި ކިޔަވާ ހަ ދަރިވަރަކު މި ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރާ ހަމަލާތައް ދެމުން އަންނައިރު، ޔޫކްރެއިންގައި ތިބި ހުރިހާ ދިވެހިން މިހާރު ވަނީ އެގައުމުން ބޭރުކުރެވިފައެވެ.