މިދިޔަ މަހު ރާއްޖެ އަށް 149،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރާތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން، މިދިޔަ މަހު ރާއްޖެއަށްވަނީ 149،011 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. އަދި މާޗް މަހުގެ ފުރަތަމަ ދެ ދުވަހު 9189 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވެއެވެ.
މިއާއެކު މިއަހަރު ރާއްޖެއަށް ޖުމުލަ 289،964 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ.
މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ ރަޝީޔާއިންނެވެ. އެގައުމުން 44،055 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 31،921 ފަތުރުވެރިން އަދި އިންޑިއާއިން 26،094 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މީގެއިތުރުން އިޓަލީ، ޖަރމަނީ، ޔޫކްރެއިން، އެމެރިކާ، ފްރާންސް، ސައުދިއަރަބިއްޔާ އަދި އޮސްޓްރިއާއިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.
ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 54،178 އެނދު އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނެނީ 162 ރިސޯޓުގައި 38،822 އެނދު، 643 ހޮޓެލް، ގެސްޓްހައުސްގައި 12،444 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2912 އެނދެވެ.
މިދިޔަ 2021 ވަނަ އަހަރު ރާއްޖެއަށް 1،321،932 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.