އައްޑޫގައި މިހާރު ކުރިއަށް "އައްޑޫ ސްޓްރީޓް ސޮކަ ކަޕް" ގެ ކުއާޓާ ފައިނަލަށް ފެނަކަ، ޔަންގް ވަންސް އަދި ޔަންގް މެޖެންޓާ ދަތުރުކޮށްފި އެވެ.
ފެނަކަ މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ ރޭ ގަބުރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުކޮށްގެންނެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭގައި ހިމެނޭ ފެނަކަ ކުއާޓާ އަށް ދަތުރުކުރީ ތިން މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިންޓާ އެކު ކުއާޓާ އަށް ދަތުރުކުރީ އެފްސީ ހަބޭސް އެވެ.
ރޭގެ މެޗުގައި ފެނަކަގެ ޓީމުގެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ހާޒިގް ކަމަށްވާއިރު ގަބުރު އެފްސީގެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އަޒްމީލް އެވެ.
ގްރޫޕް ބީގައި ހިމެނޭ ޔަންގް މެޖެންޓާ ކުއާޓާ އަށް ދަތުރުކުރީ ރޭ އޮޑައްސައު އާއި ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ޔަންގް މެޖެންޓާ ޓީމުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ހާޒިމް ފައުޒީ އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝިޔާއު ރަޝީދެވެ.
ޔަންގް މެޖެންޓާ ކުއާޓާ އަށް ދަތުރުކޮށްފައިވަނީ ތިން މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ހަތް ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނަ ހޯދީ ޖަންޓާ ގަރާޖެވެ.
މުބާރާތުގައި ރޭ ކުޅުނު ތިންވަނަ މެޗުގައި ޔަންގް ވަންސް އާއި އެލީޓް ސްޕޯޓްސް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މި ނަތީޖާއާ އެކު ގްރޫޕް ޑީ ގައި ހިމެނޭ ޔަންގް ވަންސް ކުއާޓާ އަށް ދަތުރުކުރީ ތިން މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ދެވަނައިގައި ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެލީޓް ސްޕޯޓްސް އޮތްއިރު މި ގްރޫޕްގައި ދެން ހިމެނޭ ޒެފިޔާ އަށް ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި ދެ މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އޮތީ އެސްއެމްޓީ އެވެ.
މި މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ އަފިރިން އަދި އޭއޭއާރްސީ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޒެފިޔާ އަދި އެސްއެމްޓީ އެވެ. މި ދެ މެޗަކީ ގްރޫޕް ސްޓޭޖު ބުރުގެ ފަހު ދެ މެޗެވެ. މުބާރާތުގެ މެޗުތައް ފަށާނީ ރޭގަނޑު 8:30 ގަ އެވެ.
"އައްޑޫ ސްޓްރީޓް ސޮކާ ކަޕް" އަކީ 2011 އިން ފެށިގެން ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ.