އައްޑު އަށް އަންނަ ކްރޫޒް ޝިޕްތައް ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. މިއީ އައްޑޫގެ ޓޫރިޒަމާއި އިގުތިސާދަށް ވެސް ލިބޭނެ ކުރިއެރުމެކެވެ. މަންޒަރު މިހާރު ފެންނަ ގޮތަށް ބަލާ އިރު، ކްރޫޒިން ޓޫރިމަކީ އައްޑު އަށް ކުރިމަގު އޮތް ކަމަކަށް ވާނެ އެވެ.
ޓޫރިސްޓުންނަށް ޓޫރިޒަމްގެ ތެރެއިން ހިދުމަތް ދެވޭ އެއް ދާއިރާ ކަމަށްވާ ކްރޫޒިން ޓޫ ޓޫރިޒަމް އައްޑޫގައި ފުޅާކުރުމުގެ ވާހަކަތަކެއް ދެކެވެމުން ވެސް އަންނަ މި ދަނޑިވަޅުގައި ކްރޫޒް ޝިޕްތައް އައްޑު އަށް އައުން އިތުރުވަމުން ދިއުމަކީ މިކަމަށް މަސައްކަތްކުރަން ވެސް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ.
އައްޑޫ ގަމާއި ފޭދުއާ ދިމާލުގައި މިހާރު ވެސް ގިނަ އަދަދަކަށް ކްރޫޒް ޝިޕްތައް އެބަހުއްޓެވެ. އެގޮތުން ކްރޫޒް ޝިޕްތައް އިތުރުވެ، އެ އެއްޗެހީގައި ޗުއްޓީ ހޭދަކުރާ މީހުން ރަށްރަށް ފައިބައި ވިޔަފާރި ވެސް ކުރަމުން ގެންދެ އެވެ. މިއީ އައްޑޫގެ އާންމު ވިޔަފާރިތަކަށް ވެސް ހެޔޮ އަސަރުކުރާނެ ކަމެކެވެ.
Fleet of liveaboards lined up near GAN to receive passengers from @flysrilankan @boating_mv #acrosstheequator #southernmaldives #GanAirport #visitmaldives pic.twitter.com/5AxAADoDCv
— Gan International Airport (@Ganairportco) March 5, 2022
އަނެއްކޮޅުން އައްޑު އަށް އަންނަ ކްރޫޒް ޝިޕްތައް އިތުރުވުމަކީ މި ސަރަހައްދަށް ޗުއްޓީ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަރަށް ބޮދަށް އިތުރުވާން ފަށާނެ ކަމެކެވެ، އެގޮތުން ސްރީ ލަންކަން އެއާލައިންސުން ބާއްވާ ދަތުރުތަކުގައި އަންނަ ޓޫރިސްޓުންގެ ތެރޭގައި ކްރޫޒް ޝިޕްތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ މީހުން ވެސް ހިމެނެ އެވެ.
ދާދި ފަހުން އައްޑޫ ސިޓީ ކައުންސިލާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދު ވެސް ކްރޫޒިން ޓޫރިޒަމް ފުޅާކުރުމާ ބެހޭ ގޮތުން މަޝްވަރާތަކެއްކޮށްފައިވެ އެވެ. ކައުންސިލުން ބުނީ އެ މަޝްވަރާތަކުގައި ވަރަށް އުންމީދީ ވާހަކަތަކެއް ދެކެވި، ނަތީޖާތަކެއް ނެރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެވުނު ކަމަށެވެ.
އައްޑު އަށް އަންނަ ކްރޫޒް ޝިޕްތައް މި ފަހުން ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިރު، އައްޑު އަކީ މީގެ 15 ވަރަކަށް އަހަރު ކުރިން ވަރަށް ގިނަ އަދަދަކަށް ޔޮޓްފަހަރު ވެސް ޒިޔާރަތްކުރަމުން އައި ތަނެކެވެ. އެކަމަކު އެކަން މިހާރު އޮތީ އެއްކޮށް ހުއްޓިފަ އެވެ.
A fruitful meeting with @AdduCityCouncil Mayor @DhekunuNizar and the Counsellors to learn about plans in developing Cruising Tourism in Southern Most Atoll of Maldives . pic.twitter.com/4VoZFZuQiS
— National Boating Association of Maldives (@boating_mv) February 27, 2022
އައްޑޫގައި ކްރޫޒިން ޓޫރިޒަމް ތަރައްގީކޮށް ފުޅާކުރުމާ ގުޅޭ ވިސްނުންތަކެއް ގެންގުޅޭ އިރު ކައުންސިލުން ވަނީ ކްރޫޒް ޓާމިނަަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމުގެ ޕްރޮޖެކްޓަކަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް މިދިޔަ އަހަރު ބުނެފަ އެވެ. ކުރިން ވެސް އައްޑޫގައޮި ޔޮޓް މެރީނާއެެއް ހެދުމުގެ ވާހަކަ ދެކެވި 2008 ހިސާބުގައި އެކުލަވައިލި "ވިޝަން އައްޑޫ" ގައި ވެސް ޔޮޓް މެރީނާއެއް ހަދަން ޕްލޭންތަކެއް ކުރި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ "ފިއުޗަރ އޮފް އައްޑޫ ޓޫރިޒަމް" ގެ ނަމުގައި އައްޑޫ ކައުންސިލުން ކްލަބްހައުސްގައި އިންތިޒާކުރި ޕެނަލް ޑިސްކަޝަނެއްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކްރޫޒް ޓާމިނަލެއް އެޅުމަށްޓަކައި ކައުންސިލުން ބިމާއި ސަރަހައްދު ހަމަޖައްސާފައިވާ ކަމަށާއި ކްރޫޒް ޓާމިނަލެއް އެޅުމަށް ހުޅުވާލަން ވެސް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ޓާމިނަލް އެޅުމަށް ނިންމާފައިވާ ސަރަހައްދަކީ ގާތްގަނޑަކަށް ލައްކައަށް އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ކަމަށާއި މި ޕްރޮޖެކްޓުގެ ދަށުން ޔޮޓް މެރީނާއެއް ވެސް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
"ފޭދޫގެ ކުރީ އޮތް ރަސްމީ ބޯޅަ ދަނޑާއި، އެ ބޯޅަ ދަނޑާއި ގުޅުން ހުރި ފޭދޫގެ ހިއްކި ބިމާއި އަދި ގަމުގެ ކޯޒްވޭ ސަރަހައްދާ އެކު ކްރޫޒް ޓާމިނަލަކާއި އަދި ޔޮޓް މެރީނާއާ އެކު 100 ކޮޓަރީގެ ހޮޓަލެއް ތަރައްގީކުރާނެ ވަރުގަދަ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްދާނެ ޕްރޮޖެކްޓެއް މިއީ." ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިން ހަތަރު ފަރާތަކުން ވަނީ އެ ޕްރޮޖެކްޓަށް ޝައުގުވެރިކަން ވެސް ފާޅުކޮށްފައެވެ. އެގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ކުރަމުންދާ ވިދާޅުވެފައިވެ އެވެ.