Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

"ފެނަކަ އިންސްޓިޓިއުޓަކީ ބޮޑު ކުރިއެރުމެއް"

ފެނަކަ ކޯޕަރޭޝަނުން އުފެއްދި ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗަކީ މީހުން ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެ އަށް ލިބުނު އިތުރު ބޮޑު ކުރިއެރުމެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ރޭ ވިދާޅުވެއްޖެ އެވެ.

ފެނަކަ އިންސްޓިޓިއުޓްގެ ދަށުން ތިން މަސްދުވަހަށް ކުރިއަށް ގެންދިޔަ އިންޖީނު މަރާމާތުކުރުމާ ގުޅޭ އެޕްރެންޓިސް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދޭން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދޭ ތައުލީމާ އެއްވަރަށް، ވަޒީފާއަށް ނުކުންނައިރު ބޭނުންވާ ހުނަރާއި ޤާބިލުކަން ލިބިފައިވާ ޖީލެއް ވެސް ބިނާކުރުން ކަމަށެވެ. އެހެންވެ މިކަމަށް އެކި އިދާރާތަކާއި ކުންފުނިތަކާއި ޖަމިއްޔާ ޖަމާތްތަކުގެ އެހީ ވަރަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ފެނަކަ އިންސްޓިޓިއުޓަކީ މީހުން ބިނާކުރަން ވަރަށް މުހިންމު ތަނަކަށް ކަމަށާއި ހާއްސަކޮށް ވަޒީފާގެ މައިދާނަށް މީހުން ނެރުމަށް ބޭނުންވާ ފުރިހަމަ އަމަލީ ތަޖުރިބާ ލިބޭނެ ގޮތްވުމަކީ ވަރަށް ވެސް ހެޔޮ ފާލެއް ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ މަސައްކަތް ކުރަން ފެނަކަ އަށް ދިނީ ވެސް އެ ކުންފުންޏާ މެދު އޮތް ޔަގީންކަމާއި އިތުބާރުގެ ސަބަބުންނެވެ.

"މިހާރު މަޢުލޫމާތު ލިބެނީ ސައިންޓިފިކް ރިސާޗެއް ވެސް މި އިންސްޓިޓިއުޓުން ކުރިއަށް ގެންދާ ކަމަށް. މިއީ ރާއްޖޭގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމަށް ހެޔޮ، ބަދަލެއް ގެންނާނެ ހޯދުމަކަށްވާނެކަމަށް އުއްމީދުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ. "ހާއްސަކޮށް ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ދެމެހެއްޓެނިވި ގޮތުގައި ޚިދުމަތް ދިނުމަށް."

މިނިސްޓަރު ވަނީ ވަޒީފާގެ މައިދާނަށް މީހުން ބިނާކުރަން ސަރުކާރުން ކުރިއަށް ގެންދާ "ސްކިލް ފޮ އަ ރެޒިލިއެންޓް ވޯކްފޯސް" ޕްރޮގްރާމުގެ ދަށުން މީހުން ތަމްރީންކުރުމުގައި ގިނަ ކުންފުނިތަކާއި ޖަމިއްޔާތަކުގެ އެހީ އަށް އެދިވަޑައިގެންފަ އެވެ.