ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާކޮށްފައި ވަނިކޮށް އޭނާ ރާއްޖޭން ބޭރަށް ފުރަން ޖާމިނުވެ، ޝަރީއަތަށް ހާޒިރުކޮށް ނުދީގެން 15 ދުވަހަށް ޖަލަށްލި، ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހުކުމް ތަންފީޒުކޮށް ނިމި މިއަދު މިނިވަންވެ، ދޫކޮށްލައިފި އެވެ.
ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަޑުބަރޭގެ ޣައިރުހާޒިރުގައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ މަހުގެ ދެ ވަނަ 2 އޭނާ އިނގިރޭސިވިލާތުގައި ހުއްޓަ އެވެ. އަދި އޭނާ ރާއްޖެ އައިސް މިދިޔަ މަހުގެ 19 ގައި އަމިއްލަ އަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގޮސް ހުކުމް ތަންފީޒުކުރަން ފެށީ އެވެ.
ކަރެކްޝަންސް އިން ބުނީ އަޑުބަރޭ ހުކުމް ތަންފީޒުކޮށް ނިމުމުން މިއަދުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ 15 ދުވަހުގެ ހުކުމް ތަންފީޒުކުރީ ހުޅުމާލޭ ޖަލުގަ އެވެ.