ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޓިކެޓް ދިނުމަށް ހުކުރު ދުވަހު ބޭއްވި އެޕާޓީގެ ފޭދޫ ދާއިރާގެ ޕްރައިމަރީ އަލުން ބާއްވަން ޖެހިދާނެކަމުގެ ފުރުސަތު ބޮޑު ކަމަށް، އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ބުނެފި އެވެ.
އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމެޓީގެ މުގައްރިރު އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) ވިދާޅުވީ ފޭދޫ ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ ޕާޓީން ފޮނުވި ލިސްޓަށް ނޫންކަން މިހާރު އެކޮމިޓީއަށް ޔަގީން ކުރެވިފައިވާ ކަމަށެވެ.
އިބްރޭ މިގޮތަށް ވިދާޅުވެފައިވާއިރު ފޭދޫ ދާއިރާގައި ވޯޓްލުން ކުރިއަށްގެންދިއުމުގައި ހަރަކާތްތެރިވި އޮފިޝަލަކުވެސް ވަނީ އިންތިހާބް ކުރިއަށް ގެންގޮސްފައިވަނީ ޕާޓީގެ މައިއޮފީހުން ފޮނުވި ލިސްޓަށް ނޫންކަމަށް ބުނެފައެވެ.
9 ކެންޑިޑޭޓުން ވާދަކުރި ފޭދޫ ދާއިރާގެ ވޯޓުން ލުން ކަޑައެޅި ގަނޑީގައި ބޭއްވިފައި ނުވެއެވެ. ވޯޓާސް ލިސްޓުގެ މައްސަލައާއި ހެދި ވޯޓުލުން ފެށިފައިވަނީ ކަނޑައެޅި ވަގުތަށް ވުރެ 2 ގަނޑިއިރު ފަހުންނެވެ.
އިބްރޭ ވިދާޅުވީ ފޭދޫ ދާއިރާގެ ލިސްޓްގައި މައްސަލަތަކެއް ހުރިކަމަށް ބުނެ، ޕްރައިމަރީ އޮތް ދުވަހު މައްސަލައެއް އެކޮމިޓީއަށް ހުށަހެޅިކަމަށެވެ. އެހެންވެ ކޮމެޓީން ބެލުމަށްފަހު ޕާޓީން އާންމުކޮށްފައިވާ ލިސްޓަށް ވޯޓްނަގަން އެންގިކަމަށް އިބްރޭ ވިދާޅުވިއެވެ.
ހުކުރު ދުވަހުގެ ޕްރައިމަރީ ކާމިޔާބް ކުރީ ނިހާދުއެވެ. އޭނާއަށް ލިބުނީ 224 ވޯޓެވެ. މިހާރުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީއަށް ލިބިވަޑައިގަތީ 100 ވޯޓެވެ. އަލްހާންވަނީ އިންތިހާބް ގަބޫލް ނުކުރާކަމަށް ބުނެ އެމައްސަލަ ޕާޓީއަށް ރަސްމީކޮށް ހުށަހަޅާފައެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީ އަލުން ބާއްވަން ޖެހިދާނެކަމަށް އިންތިހާބާއި ބެހޭ ކޮމެޓީން ބުނެފައިވާ އިރު އެދާއިރާގެ ޕްރައިމަރީއަށް ވާދަކޮށް ބަލިވި އަލްހާން ފަހުމީއަށް ބަޔަކު ވަޅިން ހަމަލާދީ ޒަހަމްކޮށްލުމާއި ގުޅިގެން އޭނާއަށް ދަނީ ލަންކާގެ ސެންޓްރަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.