Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ކުއާޓާގެ ފަހު ޖާގަ އަފިރިން އާއި ޒެފިއާ އަށް

މުބާރާތުގައި ޒެފިއާ ކުޅުނު މެޗެއްގެ ތެރެއިން

އައްޑޫގައި މިހާރު ކުރިއަށް "އައްޑޫ ސްޓްރީޓް ސޮކަ ކަޕް" ގެ ކުއާޓާ ފައިނަލްގެ ފަހު ދެ ޖާގަ އެފްސީ އަފިރިން އަދި ޒެފިއާ އިން ހޯދައިފި އެވެ.

އެފްސީ އަފިރިން މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ އޭއޭއާރްސީއާ ބައްދަލުކުރި މެޗު އެއްވަރުކޮށްލައިގެންނެވެ. އެ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

މި ނަތީޖާއާއެކު ގްރޫޕް ސީ ހިމެނޭ އެފްސީ އަފިރިން ކުއާޓާ އަށް ދަތުރުކުރީ ތިން މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ފަސް ޕޮއިންޓާ އެކު އަދި ލަނޑުގެ ތަފާތުން ކުރި ހޯދައިގެން ކުއާޓާ އަށް ދަތުރުކުރީ ޑީސީ ސްޕޯޓްސް އެވެ.

ގްރޫޕް ޑީގައި ހިމެނޭ ޒެފިއާ ކުއާޓާ އަށް ދަތުރުކުރީ ރޭ އެސްއެމްޓީއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުކޮށްގެންނެވެ. މި މެޗުގައި ޒެފިއާގެ ގޯލު ކާމިޔާބުކޮށްދިނީ އައިމަން ނަޒީރު ކަމަށްވާއިރު އެސްއެމްޓީގެ ގޯލު ކާމިޔާބުކޮށްދިނީ އިސްމާއިލް ސިއާން ފަތުހީ އެވެ.

ޒެފިއާ ކުއާޓާ އަށް ދަތުރުކޮށްފައިވަނީ ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ފަސް ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނަ ހޯދީ ޔަންގް ވަންސް އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ރޭ ނިމިފައިވާއިރު ކުއާޓާގެ މެޗުތައް ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ. ކުއާޓާގައި ޓީމުތައް ބައްދަލުކުރާނެ ގޮތް:

އެފްސީ ހަބޭސް – ޔަންގް މެޖެންޓާ (8 މާޗު، 21:00)

ޑީސީ ސްޕޯޓްސް – ޒެފިއާ (8 މާޗު، 21:45)

ޔަންގް ވަންސް – އެފްސީ އަފިރިން (9 މާޗު، 21:00)

ޖަންޓާ ގަރާޖު – ފެނަކަ (9 މާޗު، 21:45)

"އައްޑޫ ސްޓްރީޓް ސޮކާ ކަޕް" އަކީ 2011 އިން ފެށިގެން ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ.