Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

އެމްޕީއެލުން ޖެންޑާ އަށް ގޮޑަދި އާއި ބެޑްޝީޓް

ދައުލަތުން ހިންގާ އެކިއެކި މަރުކަޒުތަކުގައި ތިބޭ މީހުންނަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެހީގެ ތަކެތި ޖެންޑާ މިނިސްޓްރީ އަށް ހަދިޔާކޮށްފި އެވެ.

އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ގޮދަޑި އާއި ބެޑްޝީޓެވެ. އެގޮތުން 127 ގޮދަޑި އާއި ބެޓްޝީޓް ވަނީ ހަދިޔަކޮށްފައިވެ އެވެ.

އެ ތަކެތި ޖެންޑާއާ ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސިއީއޯ ޝާހިދު އަލީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ތަކެތީގެ ރަމްޒީ ލިޔުމާ ހަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރެވެ.

ފަޒުނާ ވިދާޅުވި ގޮތުގައި އެމްޕީއެލުން ހަދިޔާކުރި ތަކެއްޗަކީ ދަޢުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާ ތަންތަނަށް މިވަގުތަށް އެންމެ މުހިންމު ތަކެއްޗެވެ. އޭނާ ވިދާޅުވީ އެ ތަކެތި ބޭނުންކުރާނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒާއި ވިލިނގިލީގައި ހުންނަ ވަގުތީ ހިޔާގަ އެވެ.

"މަރުކަޒުގައި މިހާރު ވެސް ސަތޭކަ ނުވަދިހަ އަށް މީހުން އެބަތިބި. ހަދިޔަކުރި ގޮދަޑީގެ ތެރެއިން އަށްޑިހަ އެކެއް ބޭނުންކުރާނީ ގުރައިދޫ މަރުކަޒުގައި އަލުން މަރާމާތުކޮށް ބޭނުންކުރަން ފަށާ އާ އިމާރާތުގައި." ފަޒްނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އުއްމީދަކީ ހަދިޔާކުރި ތަކެތީގެ ސަބަބުން މިނިސްޓްރީއަށް ލުޔެއް ލިބުން ކަމަށެވެ. އަދި ބަޖެޓްގައި ތަންދިން މިންވަރަކުން ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އެހީތައް އެމްޕީއެލުން ދޭނެ ކަމަށް ވިދާޅުވި އެވެ.