Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު އައްޑޫ

އައްޑޫ ވޭސްޓް ސެންޓަރު މި އަހަރު އޮޕަރޭޝަނަށް ގެންނަނީ

އައްޑޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރު މިއަހަރުގެ ތެރޭގައި އޮޕަރޭޝަނަލް ލެވެލްއަކަށް ގެނެވޭނެ ކަމަށް އެންވާރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުނި މެނޭޖް ކުރުމާ ގުޅޭގޮތުން މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ރާއްޖޭގައި މިވީހާތަނަށް ކުނި މެނޭޖް ކޮށްފައި ނެތްކަމަށާއި، ކުނި ހުރީ ޖަމާކޮށްފައި ކަމަށެވެ. އަދި ކުނިން އާމްދަނީ ހޯދުމުގެ ބަދަލުގައި އެއް ތަނަކަށް ކުނި އެޅުމުގެ ސިޔާސަތެއް ގެންގުޅެފައިވާކަމަށެވެ.

މިވީހާތަނަށް ކުނީގެ މައްސަލަ ހައްލު ނުކުރެވި އޮތްނަމަވެސް، މިއަހަރުގެ ތެރޭގައި އެކަމަށް ހައްލެއް ލިބިގެންދާތަން ފެންނާނެ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. ރާއްޖޭގައި ދިމާވެފައިއޮތް ތިމާވެށިގެ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަކަމަށްވެސް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމު ކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް މިނިސްޓަރު ޝައުނާ ވިދާޅުވީ، އަދި އަތޮޅުތަކުގެ މެދުގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނި ގެންދެވެންދެން، ވޭސްޓް ޓްރާންސްފާ ސެންޓަރެއްގައި ބެހެއްޓުމަށްޓަކައި އެފަދަ ސެންޓަރުތައްވެސް ގާއިމު ކުރެވޭނެ ކަމަށެވެ.

އެގޮތުން ރ. ވަންދޫގައި ހުންނަ ކުނި މެނޭޖްމަންޓް ސެންޓަރު މިއަހަރުގެ ޖޫންމަހުގެ ތެރޭގައި އޮޕަރޭޝަނަލް ލެވެލްއަށް ގެނެވޭނެ ކަމަށާއި، އަދި ތިލަފުށީގައި ގާއިމު ކުރެވޭ ރީޖަނަލް ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ފުރަތަމަ ފޭސްގެ އިންފްރާސްޓްރަކްޗަރގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތިން ވަނައަށް ގާއިމުކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރަކީ އައްޑޫގައި ގާއިމުކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުކަން ފާހަގަކޮށް މިނިސްޓަރު ޝައުނާ ވިދާޅުވީ އައްޑޫގައި 50 ޓަނުގެ ވޭސްޓް އެނާޖީ ޕްލާންޓެއް ގާއިމުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ގެންގޮސް އަދި އެތަނުގެ ސިވިލް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި އެތަންވެސް އޮޕަރޭޝަނަލް ލެވެލަށް ގެނައުން ކަމަށެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ، މިވީހާތަނަށް މެނޭޖްނުކޮށް އޮތް، ކުނި އަޅަމުން ގެންދިޔަ މަސައްކަތަށް މިއަހަރުގެ ތެރޭގައި ނިމުމެއް އަންނާނެ ކަމަށެވެ.