ޓެކްނޮލޮޖީ އަށް އައި ކުރިއެރުންތަކާ މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ހިދުމަތެއް ކަމަށްވާ ޕޮޑްކާސްޓިން އަށް ޔޫޓިއުބުން ފަންޑްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބްގެ އޮފިޝަލުންތަކަކާ ހަވާލާދީ ބްލޫމްބާގް އިން ބުނީ ޔޫޓިއުބުން މިހާރު މަސައްކަތްކުރަނީ ޕޮޑްކާސްޓަރުންނަށް އެ މީހުން ގެނެސްދޭ އޯޑިއޯ ކޮންޓެންޓްތަކުގެ ވީޑިއޯ ވާޝަން ހަދަން މާލީ އެހީ ފޯރުކޮށް ދިނުމަށެވެ. އެގޮތުން ޕޮޑްކާސްޓަރުންނަށް އެހީގެ ގޮތުގައި 50،000-300،000 ޑޮލަރުގެ އެހީ ދޭން ޔޫޓިއުބުން ނިންމާފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ޔޫޓިއުބުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ޕޮޑްކާސްޓިން އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ވަރަށް ހިނގާ މަގުބޫލުކަން ބޮޑުވަމުން އަންނަ ހިދުމަތެކެވެ. އެގޮތުން ޕޮޑްކާސްޓް ކޮންޓެންޓްތަކުން ގައުމުތަކުގެ ކްރިއޭޓަރުން މިހާރު މާލީ ގޮތުން ބޮޑު ނަފާއެއް ވެސް ހޯދަ އެވެ.

ޔޫޓިއުބުން ޕޮޑްކާސްޓަރުންނަށް ފަންޑްކުރަން ތައްޔާރުވާ އިރު، ވީޑިއޯ ކޮންޓެންޓްތަކަށް ހާއްސަ ޔޫޓިއުބަކީ ވެސް ސީދާ ޕޮޑްކާސްޓް ޝޯތަކެއް ހޯސްޓްކުރާ ޕްލެޓްފޯމެކެވެ. އޭގެ ތެރޭގައި "އެޗް3 ޕޮޑްކާސްޓް" އާއި "ފުލް ސެންޑް ޕޮޑްކާސްޓް" އަދި "އިމްޕޯލްސިވް" ޕޮޑްކާސްޓް ފަދަ ކޮންޓެންޓްތައް ހިމެނެ އެވެ.
ޔޫޓިއުބަކީ މި ފަހުން އޭގެ މަގުބޫލުކަން އިތުކުރުމަށްޓަކައި ތަފާތު އާ ކަންކަން ތައާރަފުކޮށް، ކޮންޓެންޓް މުއްސަނދިކުރަން ބޮޑު ހޭދައެއް ވެސް ކުރާ ތަނެކެވެ. ޔޫޓިއުބް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް ވުރެ ގިނަ އެވެ.