Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު އައްޑޫ

އައްޑޫ ބިން ހިއްކާކަށް ހުރަހެއް ނާޅާނަން: މިނިސްޓަރު ޝައުނާ

މިނިސްޓަރު އައިމިނަތު ޝައުނާ-- ފޮޓޯ: ސްޓެލްކޯ

އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ހުރަސްނާޅާނެ ކަމަށް އެންވާރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ އެންވާރަމެންޓް މިނިސްޓްރީން އައްޑޫ ބިން ހިއްކުމުގެ އީއައިއޭ ހުއްދަ ދޭނީ ކޮން އިރަކުތޯ އާއި އެކަމުގެ ހުއްދަ ނުދީ ލަސްވަނީ ކީއްވެތޯ ސުވާލު ކޮށްފައިވެއެވެ. އަދި ބިން ހިއްކުމުގެ މަސައްކަތުގެ ހުއްދަ ލަސްވާތީ ރައްޔިތުން އެކަމުގައި ކަންބޮޑުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ އައްޑޫ ރައްޔިތުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އައްޑޫއަށް ދިމާވެފައިވާ މައްސަލަތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. މިނިސްޓަރު ޝައުނާ ވިދާޅުވީ މަރަދޫ-ފޭދޫ އަދި ފޭދޫ ރައްޔިތުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މިންވަރުވެސް އެނގޭކަމަށާއި، އަދި ބިމުގެ ދަތިކަން ހުރި މިންވަރުވެސް އެނގޭ ކަމަށެވެ.

"ދަންނަވަން މިއުޅޭ ވާހަކައަކީ ތަރައްގީގެ މަސައްކަތްތައް ކުރާއިރުގައި، އެއާ އެއްމިންވަރަކަށް އަޅުގަނޑުމެން މިއަދު ވިސްނަންޖެހޭ މުހިންމު ކަމެއް އެބައޮތޭ. އެއީ ހާއްސަކޮށް ދުނިޔޭގެ މޫސުމަށް މިއަންނަ ބަދަލުތަކާއެކީގަ އަޅުގަނޑުމެންގެ މި ރާއްޖެއަށް ވެދާނެ ގޮތްތަކާމެދު، އަޅުގަނޑުމެން އެބަޖެހޭ ވިސްނަން." މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ އައްޑޫގެ ތަރައްގީއަށް އެއްގޮތަކަށްވެސް ހުރަސް ނާޅާނެކަމަށާއި، އަދި ސަރުކާރުންވެސް އައްޑޫގެ ތަރައްގީއަށް ހުރަސް ނާޅާނެކަމަށެވެ.

ޝައުނާ ވިދާޅުވީ މަސައްކަތް ކުރަންވާނީ އައްޑޫގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއެކީގަ އައްޑޫގެ ރީތިކަމާއި، ވެއްޓާއި މާހައުލީ ނިޒާމު އެންމެ ފުރިހަމަގޮތުގައި ރައްކާކުރެވޭނެ ގޮތްތަކާމެދު ވިސްނުމަށްފަހު އެގޮތަކަށް ކަމަށެވެ. އަދި މިކަންކަމަށް ނުވިސްނާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުން ރަށްތަކަށް ވަމުންއަންނަ ގޮތް ފެންނަކަމަށްވެސް ވިދާޅުވިއެވެ.

"އެއްފަޅިން ގިރާނެ، އަނެއްފަޅިން ފެން ބޮޑުވާނެ، އަނެއްފަޅިން އުދައެރީމަ އަޅުގަނޑުމެންގެ މި ރަށްތަކަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑު." މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

އައްޑޫއަކީ ގުދުރަތީ ގޮތުން އުފެދިފައިވާ އެންމެ ކުޑަ އަތޮޅުކަން ފާހަގަކޮށް މިނިސްޓަރު ޝައުނާ ވިދާޅުވީ މަސައްކަތްތައް ކުރާއިރު ކުރަންވާނީ މާހައުލީ ނިޒާމުތަކަށް އެންމެ ކުޑަ އަސަރެއް ކުރާނެ ގޮތަށް ކަމަށެވެ. އަދި އައްޑު ރައްޔިތުން އެދޭ ތަރައްގީ ހޯދައިދިނުމަށް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.