ދެ ސަފީރަކު އެބޭފުޅުން މިހާރު ކަނޑައަޅުއްވާފައި ތިއްބެވި ގައުމު ނޫން އެހެން ގައުމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ. ހިކިފިނިފެންމާގެ އުމަރު އަބްދުއްރައްޒާގް އައްޔަނު ކުރެއްވުމަށާއި އަދި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ގ. ފިޔާތޮށިގެ ހަސަން ސާބިރު އައްޔަނު ކުރެއްވުމަށެވެ.
އުމަރު އަބްދުއްރައްޒާގް މިހާތަނަށް ހުންނެވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ގޮތުގައެވެ. އަދި ހަސަން ސާބިރު މީގެކުރިން ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައެވެ.
މި ދެސަފީރުން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވީ މިދިޔަ މަހުއެވެ.