މޯލްޑިވްސް ހައިޑްރޮގްރަފިކް ސާވިސްގެ ނަމުގައި އިދާރާއެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
"މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް"ގެ ނަމުގައި އިދާރާއެއް އުފައްދައި، ޑިފެންސް މިނިސްޓީގެ ދަށުން ހިންގަމުންދާ ތަކެއްގެގޮތުގައި ހަމަޖެއްސުމާގުޅިގެން، އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ދާއިރާއަށް ގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުވުމަށް ފެބްރުއަރީ 8 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ސަރުކާރުގެ މަސްއޫލިޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ.
މޯލްޑިވްސް ހައިޑްރޮގްރަފިކް ސާވިސްގެ މަސައްކަތްތަކަކީ، ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ހައިޑްރޯގްރަފިކް ސަރވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުން، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސަރވޭތަކުގެ މައުލޫމާތު އެއްކޮށް ބެލެހެއްޓުން، ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މައުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން؛ ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް ޢާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިޢުކޮށް އަދާހަމަކުރުން، ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެފަދަ މަޢުލޫމާތު ޢާންމުކުރުން ހިމެނެއެވެ.
މީގެއިތުރުން އެ ސަރވިސްގެ މަސައްކަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި، ރަށްތަކަށާއި، ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުން، ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަޤްވާމީ އޯގަނައިޒޭޝަންތަކާއި ޖަމްޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުމާއި، ހައިޑްޔޯގްރަފީގެ ދާއިރާއިން ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން؛ ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ އެހީ (ގްރާންޓް) ހޯދައި، ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރުން އަދި ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.