Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ފައިސާ ލިބޭނީ ހަތަރު ސިޔާސީ ޕާޓީއަކަށް

ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއަކަށް ކަމަށްވާތީ ޕާޓީތަކަށް ސަރުކާރުން ދޫކުރާ ފައިސާ އެ އެ ޕާޓީތަކަށް ދޫކުރަން ތައްޔާރުވާތީ ފައިސާ ލިބޭ އަދަދުތައް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ބަލަނީ މި އަހަރަށް ބަޖެޓް ފާސްކުރި އިރު އެ އަދަދަށް މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

މި އަހަރު ފައިސާ ލިބޭ ޕާޓީތަކަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ އެވެ.

ޕާޓީތަކުގައި މެމްބަރުން ތިބި އަދަދާއި ފައިސާ ދޫކުރާ އަދަދު:

* އެމްޑީޕީ، 54،660 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 15،024،009.96ރ.
* ޕީޕީއެމް، 34،237 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 9،410،483.51ރ.
* ޖޭޕީ، 20،107 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 5،526،669.74ރ.
* އަދާލަތު ޕާޓީ، 10،554 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 2،900،903.79ރ.

އީސީން ބުނީ ފައިސާ ދޫކުރާނެ އަދަދުތަކެއް ކަނޑައެޅި ނަމަވެސް ޕާޓީތަކުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ބައެއް ޕާޓީތަކުން ހުށަހަޅާފައި ނުވާތީ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީގައި އަދި އެދިފައި ނެތް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ.