Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޕޮލިސް އެކެޑަމީ މި މަހުގެ 27 ގައި ހުޅުވަނީ

އައްޑޫގައި ހަދަމުން އަންނަ ޕޮލިސް އެކެޑަމީ މި މަހުގެ 27 ގައި ހުޅުވަން ނިންމައިފި އެވެ.

މުޅި ތަން އެއްކޮށް އަދިވެސް ފުރިހަމަކޮށް ނުނިމުނަަސް އެތަނުގެ ވަރަށް ބޮޑު ބައި މިހާރު ނިމިފައިވާތީ ބޭނުންކުރެވޭ ވަރަށް މަސައްކަތް ނިމި، ތައްޔާރީތައްވެފައި ހުރި ތަންތަނާ އެކު އެޑެމީ މި މަހު ފާހަގަކުރާ ފުލުހުންގެ އަހަރީ ދުވަހާ ވެސް ދިމާކޮށް ހުޅުވަން ނިންމާފައިވާ ކަމަށް ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ ޑިސެމްބަރު މަހު ވިދާޅުވެފައިވެ އެވެ.

އެގޮތުން މިހާރު ނިންމާފައި އޮތީ މި މަހުގެ 27 ގައި އެކެޑަމީ ރަސްމީކޮށް ހުޅުވަން ކަމަށް ސީޕީ ވިދާޅުވި އެވެ.

"ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ގެ ނަން ދީފައިވާ އެތަނަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހަދަމުން އަންނަ ތަނެކެވެ. ދެހާސް ސަތާރައިގެ އަމަލީ މަސައްކަތް ފެށި އެ އެކެޑަމީގެ ކޮންޓްރެކްޓަރަކީ އެ ގައުމުގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ.

އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ތަނުގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އިންޑިއާގެ އެހީގައި ހަދާ ތަނަކަށް އެކެޑަމީ ވިޔަސް އެތަން މެނޭޖްކުރުމުގެ ހުރިހާ ބާރެއް އޮންނާނީ ދިވެހި ސަރުކާރުގަ އެވެ. އެގޮތުން ރާއްޖޭގެ ތަންފީޒީ ހުރިހާ އިދާރާތަކަށް އެކެޑެމީ ބޭނުންކުރާނެ އެވެ.

އައްޑޫ ޕޮލިސް އެކެޑެމީ އަކީ އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ. އަދި މިއީ އައްޑޫގައި އެ ގައުމުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ.