Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ޒެފިޔާ އާއި ޔަންގް މެޖެންޓާ ސެމީ އަށް

އައްޑޫގައި މިހާރު ކުރިއަށް "އައްޑޫ ސްޓްރީޓް ސޮކަ ކަޕް" ގެ ސެމީ ފައިނަލަށް ޔަންގް މެޖެންޓާ އާއި ޒެފިޔާ ދަތުރުކޮށްފި އެވެ.

ޔަންގް މެޖެންޓާ ސެމީ އަށް ދަތުރުކުރީ ރޭ އެފްސީ ހަބޭސްއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށްގެންނެވެ.

ރޭގެ މެޗުގައި ޔަންގް މެޖެންޓާ އިން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު އަބްދުﷲ ޝިޔާއު ރަޝީދެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ހާޒިމް ފައުޒީ އެވެ. ހަބޭސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އިސްމާއިލް މުނީޒު އެވެ.

މުބާރާތުގެ ސެމީ އަށް ޒެފިޔާ ދަތުރުކުރީ ކުއާޓާފައިނަލްގައި ރޭ ޑީސީ ސްޕޯޓްސްއާ ބައްދަލުކުރި މެޗު ޕެނަލްޓީގައި 2-1 އިން މޮޅުވެގެންނެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.

ޕެނަލްޓީގައި ޒެފިޔާ އިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކާމިޔާބު ކުރިއިރު އެ ދެ ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އީމާން ނަޒީރު އާއި ޝާޝް ޝަރީފް އެވެ. ޒެފިޔާ އަށް ކާމިޔާބު ނުކުރެވުނީ އިބްރާހިމް ޝާހިދު ޖެހި ޕެނަލްޓީ އެވެ. ޑީސީ ސްޕޯޓްސް އިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އިބްރާހިމް ސާމީ ޖެހި ޕެނަލްޓީ އެކަންޏެވެ.

މުބާރާތުގެ ސެމީގައި ޒެފިޔާ ބައްދަލުކުރާނީ ޔަންގް މެޖެންޓާ އެވެ. އެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.

ކުއާޓާގެ ފަހު ދެ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި މިރޭ 9 ޖަހާއިރު ބައްދަލުކުރާނީ ޔަންގް ވަންސް އާއި އެފްސީ އަފިރިންނެވެ. ދެވަނަ މެޗުގައި ޖަންޓާ ގަރާޖު ނިކުންނާނީ ފެނަކައާ ދެކޮޅަށެވެ.