އައްޑޫ ޕޮލިސް އެކަޑަމީ ނުނިމިގެން އެ ވާހަކަ ދައްކާ މީހުން ބައިވަރެވެ. އަނެއްކޮޅުން މިއީ ފާޑުކިޔުންތައް ވެސް އެހާމެ ބޮޑަށް އަމާޒުވެފައިވާ މަޝްރޫއެކެވެ. އައްޑޫ ލިންކް ރޯޑް ދިމާލުން ބޮޑު ސަރަހަދެއްގައި އިންޑިއާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2017 ގަ އެވެ.
އޭގެ ފަހުން އެތަން ހުޅުވާނެ ކަމަށް ސަރުކާރުން އެތައް ތާރީހެއް ވެސް ދީފައިވެ އެވެ. އެކަމަކު މަސައްކަތް ނުނިމި ދިގުލައިގެން ގޮސް، ތަން އަދިވެސް އެއްކޮށް ފުރިހަމައެއްނުކުރެ އެވެ. އެކަމަކު މިހާރު ނިންމާފައި އޮތީ މި މަހު ފާހަގަކުރާ ފުލުހުންގެ އަހަރީ ދުވަހާ ވެސް ގުޅުވައިގެން އެކެޑަމީ ހުޅުވާށެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި މިހާރު ނިންމާފައި އޮތީ މި މަހުގެ 27 ގައި އެތަން ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފެށުމެވެ.
ތަން އެއްކޮށް ނުނިމުނަސް މިހާރު ބޭނުން ކުރެވޭ ވަރަށް އެކެޑަމީގެ ވަރަށް ގިނަ ބައިތައް މިހާރު ހުރީ ފުރިހަމަކުރެވިފަ އެވެ. އެހެންވެ ނިންމާފައި އޮތީ މިހާރު ބޭނުންކުރެވެން ހުރި ތަންތަނާ އެކު އެކެޑެމީ ހުޅުވުމެވެ. މިދިޔަ ޑިސެމްބަރު ސީޕީ ވިދާޅުވި ގޮތުގައި އެކެޑެމީ ހުޅުވިގެން ދާނީ އެތަނުގައި މުޅިން އަލަށް ފަށާ ޓްރޭނިން ޕްރޮގްރާމަކާ ވެސް އެކީގަ އެވެ.

ހޯމް މިނިސްޓަރު އިމްރާމް އަބްދުﷲ ދާދި ފަހުން ވިދާޅުވި ގޮތުގައި އެކަޑަމީ ބޭނުން ކުރަން ފެށުމާ އެކު، ފުލުހުންގެ ތަމްރީނުތައް ކުރިއަށް މިހާރަށް ވުރެ ބޮޑުތަނުން ހަރުދަނާވެ، ވަރުގަދަ ވެސް ވެގެން ދާނެ އެވެ. އެހެންވެ މިތަނަކީ ހަގީގަތުގައި ފުލުހުންގެ މަސައްކަތްތަކަށް ވަރަށް މުހިއްމު ތަނެކެވެ.
އެކަމަކު ފާހަގަކުރަން ޖެހޭ ކަމަކީ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ގެ ނަން ދީފައިވާ މި އެކަޑަމީ އަކީ ހަމައެކަނި ފުލުހުންނަށް ހާއްސަ ތަނަކަށް ނުވުމެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ތަންފީޒީ އެހެން ހުރިހާ އިދާރާތަކަށް ވެސް އެތަން ބޭނުން ކުރެވޭނެ އެވެ. ތަން ޑިޒައިންކުރެވި މަސައްކަތްތައް ރޭވެނީ ވެސް އެގޮތަށެވެ.

އައްޑޫ ޕޮލިސް އެކަޑަމީ އަކީ މި ވަގުތު އައްޑޫގައި ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއެކެވެ. އަދި މިއީ އިންޑިއާ ސަރުކާރުން ރާއްޖޭން ކުރިއަށް ގެންދަން ރާވާފައި ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު މަޝްރޫއެވެ. އެކެޑަމީގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފެށުމަކީ ހަމައެކަނި އުމްރާނީ ގޮތުން އައްޑު އަށް ލިބޭނެ ކުރިއެރުމެއް ނޫނެވެ. އެތަނާ ގުޅުން ހުރި އެތައް ކަމަކުން އައްޑު އަށް ފައިދާކުރާނެ އެވެ. އެހެންވެ މިއީ އައްޑޫގެ އިގުތިސާދާ ވެސް ހުރި ޕްރޮޖެކްޓެވެ.
އައްޑޫ ޕޮލިސް އެކެޑެމީއާ ބެހޭ މުހިއްމު ބައެއް ކަންކަން:
* އެޑަކަމީ އަކީ ހިތަދޫގައި ހުރި ފުލުހުންގެ ޓްރެނިން ސްކޫލް ފެބްރުއަރީ 8، 2012 ގައި އަންދައިލުމާ ގުޅިގެން އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހިންގައިދޭ މަޝްރޫއެއް
* އެކަޑަމީއެއް ހަދަން އެމްއޯޔޫއެއްގައި ސޮއިކުރީ ސެޕްޓެމްބަރު 26، 2012 ގައި
* ޕޮލިސް އެކެޑަމީ ހަދަން ރަސްމީކޮށް ނިންމިކަން އިއުލާންކުރީ އޭޕްރީލް 6، 2014 ގައި
* މަޝްރޫއު އިއުލާންކުރީ މަސައްކަތް ފަށާތާ 18 މަހުގެ ތެރޭގައި ނިންމާ ގޮތަށް
* އެކަޑަމީ ކައުންސިލުން ބިން ހަމަޖައްސައި ބިން ހަވާލުކުރީ 2016 ގެ ފަހުކޮޅު ކުރީކޮޅު
* ބިން ދޫކުރި ސަރަހައްދުގެ މޫދާވީ ފަޅިން ބައެއް ހިއްކައި، އެތަނުގައި ވަނީ ރިވެޓްމަންޓް ޖަހާފައިވޭ
* ޕޮލިސް އެކެޑެމީ އަށް އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ހޭދަކުރޭ
* މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑް
* ޕޮލިސް އެކަޑަމީގެ އަމަލީ މަސައްކަތް ފެށީ 2017 ގައި
* ޕޮލިސް އެކަޑަމީގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ފަދަ ވަސީލަތްތައް ހިމެނޭ
ފާޑުކިޔުންތައް ގުޅުވަނީ އިންޑިއާގެ ނުފޫޒާ
ބައެއް ފަރާތްތަކަށް އިންޑިއާ އިން އައްޑޫގައި ހަދައިދޭ ޕޮލިސް އެކަޑަމީ އަކީ މައްސަލައެކެވެ. އަދި މިކަން ގުޅުވަނީ ރާއްޖެ އަތްގަދަކުރަން އަދި ވަކިން ހާއްސަ އެންމެ ދެކުނުން އައްޑު އަށް "ވެރިވެގަންނަން" ހިންގާ ޖަރީމާއެއްގެ ގޮތުގަ އެވެ. ނަމަވެސް ދިވެހި ސަރުކާރާއި ސީދާ އިންޑިއާ ސަރުކާރުން ވެސް އެ ތުހުމަތުތައް ދޮގުކުރެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ޕޮލިސް އެކަޑަމީ އަކީ އިންޑިއާ އިން ހަދައިދޭ ތަނަކަށް ވިޔަސް އެތަނުގެ ހުރިހާ ކޮންޓްރޯލެއް އޮންނާނީ ސީދާ ދިވެހި ސަރުކާރަށެވެ. އެހެންވެ އެކަމުގެ އެއްވެސް ކަންބޮޑުވުމެއް ނެތެވެ. ހޯމް މިނިސްޓަރު އިމްރާން 2019 ގައި ވިދާޅުވެފައިވާ ގޮތުގައި އަސްކަރީ އެއްވެސް ހަރަކާތެއް ނުހިންގާނެ އެވެ.

"މިލިޓަރީ އެއްވެސް ހަރަކާތެއް އެ ތަނުގައި، ދިވެހިން ކަމުގައި ވިޔަސް، ބޭރުގެ ގައުމަކުން ވިޔަސް، މިލިޓަރީ މަސައްކަތެއް ކުރުމުގެ ވިސްނުމުގައި ފެށިގެން ކުރިއަށް ދާ މަސައްކަތެއް ނޫން." އިމްރާން ވިދާޅުވި އެވެ.
ހަމަމިއާ އެކު އެކަޑަމީގައި އައްޑޫ ސިޓީ ކައުންސިލްގެ ދައުރެއް ބޭއްވުމަކީ ވެސް ސަރުކާރުގެ ވިސްނުމެކެވެ. ސީޕީ ވެސް ވިދާޅުވެފައިވާ ގޮތުގައި އެކެޑަމީ ހިންގުމުގައި އިންޑިއާގެ އެއްވެސް ނުފޫޒެއް ނޯންނާ އެވެ. އެހެންވެ އެކަމުގައި އެއްވެސް ބަޔަކު ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.