ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫސިޓީއަށް ދެއްކި މަންޒަރުތައް އެ ސިޓީން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް ސޯލިހް ދެއްވި ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ، އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް، އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއިރު، އައްޑޫ ސިޓީގެ ރިޒޯޓްތައް ވަނީ ބަންދުކޮށްފައި ކަމަށެވެ.
"އެތަންތަން ދަނީ ވީރާނާވަމުން. އެތަންތަން ހުޅުވޭނެ ދުވަހެއް ސަރުކާރަކަށް ބުނެ ނުދެވޭ." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އައްޑޫ ސިޓީއަށް ސީ ޕްލޭންގެ ޚިދުމަތް ގެނައުމާއި ގަމުގައި 3 ހޮޓެލް އަދި، އައްޑޫ ސިޓީގައި 8000 އެނދު ތަރައްޤީ ކުރުމަކީވެސް ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި، ނަމަވެސް، މިއިން އެއްވެސް ކަމެއް މިސަރުކާރަކަށް ނުކުރާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ފެށޭނެ ދުވަހަކާއި ނިމޭނެ ދުވަހެއް ސަރުކާރުން ބުނެދޭންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި އެލްޑަރލީ ވިލެޖެއް އަޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ވިލެޖްގެ އެއްވެސް މަސައްކަތެއް އަދި ނުފެށޭ ކަމަށާއި މިކަންވެސް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
"ރާއްޖޭގެ އެންމެ ދެކުނު ބިތުގައި، ނޫ މުތީގެ ހާރެއްގެ ސިފައިގައިވާ އައްޑޫ ސިޓީއަށް ސަރުކާރުން ދައްކުވައިދިން ފަރިޗާލު މަންޒަރުތަކެއް އެސިޓީއަކުން ފެންނާކަށްނެތް."
މީގެއިތުރުން ސަލީމް ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް އައްޑޫސިޓީގައި ގާއިމުކޮށްދެން ވައުދުވެވަޑައިގެންނެވި ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޓިންގ ސެންޓަރުގެ ބިންގާވެސް އަދި ނޭޅޭ ކަމަށެވެ.