ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުރިހާ މިސްކިތެއް އޭސީ ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި، އެހެންނަމަވެސް މިހާތަނަށް އޭސީ ކުރެވުނީ އެންމެ ދެ މިސްކިތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް ސޯލިހް ދެއްވި ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ، ރިޔާސީ ބަޔާނެއްގެ ބަދަލުގައި ސިޔާސީ ބަޔާނެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދައި ހުރުމުގެ ސަބަބުން ކަމަށެވެ. އަދި މިސަރުކާރުން ވައުދުވެ، ނުކުރެވިހުރި ހުރިހާ ކަންކަމެއްގެ ތަފުސީލު ހާމަކުރުމަކީ އެއްދުވަހަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ.
"ރާއްޖޭގެ ހުރިހާ މިސްކިތެއް މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އޭސީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއް. މިހާތަނަށް މިވައުދުގެ ދަށުން އޭސީ ކުރެވުނީ އެންމެ ދެ މިސްކިތް." ސަލީމް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނަށް ރައްދު ދެއްވާ ސަލީމް ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެކަމަށް ކޮންމެ އަހަރަކުވެސް ރައީސް ސޯލިހް ވިދާޅުވާ ކަމަށާއި، 2019 ވަނަ އަހަރު 20000 ފްލެޓް، 2020ވަނަ އަހަރު 4000 އަށްވުރެ ގިނަ ފްލެޓް، 2021 ވަނަ އަހަރު 5000 ފްލެޓް އަޅުއްވާނެކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް މިހާތަނަށް އެންމެ ދިވެހި ރައްޔިތަކަށްވެސް މިސަރުކާރުން ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދެވިފައި ނުވާ ކަމަށާއި އަދި ބޯހިޔާވަހި ކަމުގެ އެއްވެސް މަޝްރޫއެއް ފެށިފައެއް ނުވާ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ސަލީމް ވިދާޅުވީ ގިރާވަރުފަޅު ހިއްކާ، އެތަން ތިލަމާލެ ބްރިޖުން ގުޅާލުމަކީ އަދި މިހާތަނަށް ޕްލޭން ކުރެވިފައިވާ ކަމެއްނޫން ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގައިވެސް ހިމެނިފައި ނުވާ އަދި އެހެން ގޮތަކުންވެސް ފައިސާ ހަމަޖެހިފައިވާކަން އެއްވެސް އިދާރާއަކުން ހާމަކޮށްފައިވާ ކަމެއްވެސް ނޫން ކަމަށެވެ.
"ވަޢުދުވާއިރު އެ ވަޢުދުތަކަކީ ފުއްދޭވަރުގެ ވަޢުދުތައް ކަމުގައި ވާންޖެހޭ. ރައްޔިތުންނަށް ސަރުކާރުން ދައްކަމުންދަނީ ހުވަފެންތަކެއް، ރައްޔިތުންނަށް ދޮގުހެދުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ތިލަމާލެ ބްރިޖުގެ މަޝްރޫއު އެއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ފަށައިގަންނާނެ ކަމަށް ވިދާޅުވި ނަމަވެސް ބްރިޖްގެ މަސައްކަތް އެގޮތަކަށް ކުރެވެމުންނެއްނުދާ ކަމަށެވެ. އެހެންކަމުން ބްރިޖުގެ މަސައްކަތް ލަސްވާ ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
އަދިވަޒީފާ ލިބެންދެން އިނާޔަތްދިނުމަކީ ރައީސް ސޯލިހް ވެވަޑައިގެންފައިވާ ވައުދެއް ކަމަށާއި، އެހެންނަމަވެސް އެތައް ބަޔަކަށް ވަޒީފާ ނުލިބި، އެތައް ބައެއްގެ ވަޒީފާ ގެއްލި، ނިކަމެތިވެގެންދާއިރު އެ ވައުދުވި އިނާޔަތް ނުލިބޭ ކަމަށް ވިދާޅުވިއެވެ.