Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ރައީސަށް ކުރެވޭ ހިޔާނާތުގެ ތުހުމަތަށް ޖަވާބުދެއްވާ: ސަލީމް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އެކަމަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް ސޯލިހް ދެއްވި ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައީ "މަރުތައް ވިއްކައިގެން" ކަމަށާއި އަދި މަރުތަކަށް އިންސާފު ލިބުން ލަސްވެއްޖެކަމަށް މިހާރު ރައީސް ސޯލިހް ތަކުރާރުކޮށް ވިދާޅުވަމުން އަންނަކަމަށެވެ.

"މަރުތަކަށް އިންޞާފު ނުލިބުނު ވާހަކަ އިތުރަށް ދައްކަން ސަރުކާރުން މިއަދު ލަދުވެތިވާންޖެހޭނެ. އެހެނީ، މަރުތަކަށް އިންޞާފު ހޯދާ، އެމަސައްކަތް ހަލުވި ކުރުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަކީ ސަރުކާރުގެ ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް، ރައްޔިތުންގެ ފައިސާއިން މުސާރަ ދިނުމަށް އުފައްދާފައިވާ ބޭކާރު ތަންތަންކަމަށްވެފައިވާ ކަމަށެވެ. އަދި ކޮމިޝަންތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާ ކޮންމެ އަހަރަކު ޚަރަދުކުރާއިރު، މަސައްކަތުގެ ނަތީޖާ ނުނެރެވޭތީ ކޮމިޝަންތައް އުވާލުމަށް ގޮވާލާ ކަމަށެވެ.

މީގެއިތުރުން ސަލީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެންމެ ގިނަ ބައިވެރިން ތިބީ ސަރުކާރުގެ އިސް މަގާމްތަކުގައި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިޙު އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރޭ. އެ ތުހުމަތުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިޙު ޖަވާބުދާރީ ވެވަޑައިގަތުމަށް ގޮވާލަން." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި އެމްޑީޕީގެ ބަޔަކު ޝާމިލުވާތީ އެފަރާތްތަކަށް ދައުވާކުރަން މިސަރުކާރުން ޖެހިލުންވެފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓަކީ ސަރުކާރުން ބޭނުންވާގޮތަކަށް ސިޔާސީ ކަންކަން ގެންދިއުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.

"ސިޔާސީ މީހުން ކޮންޓްރޯލްކުރާ އަދި ސަރުކާރު ބޭނުންވާ ކޮޅަކަށް މީހުން އަނބުރާލާ، ކަނޑުން ކަންނެލި ނަގާހެން، މީހުން ނަގާ ދާވަންޏަކަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓް ހަދައިފި. މިފަދަ ބިރުދެއްކުންތައް ހުއްޓާލާއި، ޚިޔާނާތުގެ މައްސަލަތައް ސިޔާސީނުކޮށް އިންސާފުވެރިކަމާއެކު ބަލައި، ޝަރީއަތަށް ފޮނުވަންޖެހޭ މައްސަލަތައް ޝަރީއަތަށް ފޮނުވުމަށް ގޮވާލަން."