Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

އެމްޑީޕީ ނުހިންގައޭ ބުނުމުން އެކަން އަމާޒުވަނީ ރައީސް ސޯލިހަށް: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވިއަން ޑިމޮކްރަޓީކް ޕާޓީ (އެމްޑީޕީ) ނުހިންގައޭ ބުނުމުން އެކަން އަމާޒުވަނީ އެމްޑީޕީގެ އެންމެ އިސްފަރާތް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ފައްޔާޒަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ އެމްޑިޕީ ނުހިންގާ ކަމަށާއި، އެމްޑީޕީ "ހިންގާލަން" ފައްޔާޒު ޗެއާޕާސަން ކަމަށް ހޮވަންޖެހޭ ކަމަށް ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވަނީ އެމްޑީޕީ ނުހިންގާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ބޮންޑޭ ވިދާޅުވީ، އެމްޑީޕީގެ އިސް ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާއި، އަދި އެމަނިކުފާނަށް މަޖިލީހުގެ ބޮޑު މެޖޯރިޓިއެއްވެސް ލިބިފައި އޮތްކަމަށެވެ.

ބޮންޑޭ ވިދާޅުވީ ވެރިކަމާ މަޖިލީހުގެ މެޖޯރިޓީއާ ހުރިހާއެއްޗެއް އޮތްއިރު، ހިންގާލެވޭނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ލިބިގެންކަމަށް ބުނުމަކީ ހައިރާންވާކަމެއް ކަމަށެވެ.

"ހަގީގަތުގައި މި ބުނެވެނީ ރައީސުލްޖުމްހޫރިއްޔާއަކަށް ޕާޓީ ނުހިންގެއޭ."

"ވަޒީރަކު އެބަބުނޭ ޕާޓީއެއް ނުހިންގެއޭ. އެއީ ރައީސުލްޖުމްހުރިއްޔާއަށް ރައްދުވާ ބަހެއް." ބޮންޑޭ ތަކުރާރުކޮށް ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އެގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދިމާލަށް ނުބުނެވޭނެ ކަމަށާއި، ޕާޓީގެ އިސްލީޑަރުގެ ބޮލުގައި މިވަރުގެ ބަދުނާމެއް ނޭޅުވޭނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، މަޖިލީހުގެ ތަޅުމުގައިވެސް އަންނަނީ އެކަމާ ގުޅުވާ ވާހަކަ ދައްކަމުންނެވެ.