Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

އިންތިހާބު ފަސްކުރަން ވޯޓުދިނީ ސަރުކާރުގެ ނުފޫޒު އޮތް މެމްބަރުން

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމަށް އެމްޑީޕީ ގައުމީ މަޖިލީހުގައި ވޯޓުލި 100 މެމްބަރުންނަކީ ސަރުކާރުގެ ނުފޫޒުއޮތް މެމްބަރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، އެމްޑީޕީ ޗެއާޕާސަން އިންތިހާބު ފަސްކުރަން އުޅެނީ ވޯޓުލާ ދުވަސް ރޯދަމަހަށް ދިމާވާތީ ނޫންކަމަށާއި، ފަސްކުރަނީ ސަރުކާރުން ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ.

"ރޭގަ [ވޯޓު]ލި 100 މެމްބަރުންނަކީ، ވަކިވަކިން ބުނާނަން، ކޮންމެ މެމްބަރަކަށް ބަލާލިޔަސް ސަރުކާރުގެ ނުފޫޒެއް އޮންނާނެ." އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ އެ ވޯޓު ދެއްވި 100 މެމްބަރުންނަކީ ކޮންމެވެސް ސިޔާސީ މަގާމެއްގައި ހުންނަވާނެ ބޭފުޅެއް ކަމަށާއި، ނުވަތަ އެބޭފުޅުންނާ ގުޅުންހުރި ކޮންމެވެސް ބޭފުޅަކު މަގާމެއްގައި ހުންނާނެ ކަމަށެވެ.

"ނޫނިއްޔާ ސަރުކާރުން އާދަޔާ ހިލާފު ނާޖައިޒު ފައިދާއެއް ނަގާފަހުރި މީހެއް ނޫނީ ރޭގަ ނުހުންނާނެ 100 މީހުން ތެރޭގަ ވޯޓު ލާފަ. ނުފޫޒު ކަންކަމަށް ވަދެފަ ހުންނަ ވަރު." އަލީ އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމަށް ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ ބަހުގެ ހަމަލާތައް ބަދަލުކުރިއިރު، އެ އިންތިހާބު ފަސްކުރުމަށް ވަނީ ފާސްކޮށްފައެވެ. އަދި ރޭގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ރައްދުދީ ހަދާފައިވެއެވެ.