ކަރީމް ބެންޒެމާގެ ހެޓްރިކުން 3-1 އިން ފްރާންސްގެ ޕީއެސްޖީ ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.
މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި ބައްދަލުކުރި ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ ޕީއެސްޖީންނެވެ. ރެއާލް ކުއާޓާ އަށް ދަތުރުކުރީ 3-2 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ.
ރެއާލްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް އެޓީމުންނެވެ. އެގޮތުން ނޭމާ ދިން ރީތި ޕާހަކުން މެޗުގެ 39 ވަނަ މިނެޓްގައި މި ގޯލު ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.
މި ހާފުގައި ރެއާލް އިން އެންމެ ނުރައްކާތެރި ހަމަލާއެއް ޕީއެސްޖީގެ ގޯލަށް ފޮނުވާލީ ބެންޒެމާ އެވެ. ޕީއެސްޖީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ބެންޒެމާ ފޮނުވާލި އެ ހަމަލާ ދިފާއުކުރީ ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ އެވެ.
ޕީއެސްޖީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގެ ކުރީކޮޅު ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޕީއެސްޖީން ދިޔައީ ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ޕީއެސްޖީން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 61 ވަނަ މިނެޓްގައި ޕީއެސްޖީގެ ކީޕަރު ޑޮނަރުއްމާ އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ބެންޒެމާ ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މި ގޯލަށްފަހު ރެއާލް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު މެޗުގެ 76 ވަނަ މިނެޓްގައި ލޫކަ މޮޑްރިޗް ދިން ރީތި ޕާހަކުން ރެއާލްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ބެންޒެމާ އެވެ. އަދި އޭގެ ދެ މިނެޓްފަހުން ބެންޒެމާ ވަނީ ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ލީޑު ފުޅާކުރުމަށްފަހު ރެއާލް އިން މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔައިރު އިތުރު ގޯލުތަކެއް ކާމިޔާބު ކުރަން ވެސް ރެއާލް އިން ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފަ އެވެ.
ރެއާލްގެ އިތުރުން މުބާރާތުގެ ކުއާޓާ އަށް މެންޗެސްޓާ ސިޓީ ވެސް މިރޭ ވަނީ ދަތުރުކޮށްފަ އެވެ.