އައްޑޫގައި މިހާރު ކުރިއަށް "އައްޑޫ ސްޓްރީޓް ސޮކަ ކަޕް" ގެ ސެމީ ފައިނަލަށް ޔަންގް ވަންސް އާއި ފެނަކަ ދަތުރުކޮށްފި އެވެ.
ޔަންގް ވަންސް ސެމީ އަށް ދަތުރުކުރީ ރޭ އެފްސީ އަފިރިންނާއި ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީގައި 1-0 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
އެގޮތުން ޕެނަލްޓީގައި ކޮންމެ ޓީމަކުން ވެސް ފަސް ޕެނަލްޓީ ޖެހިއިރު އެފްސީ އަފިރިން ޓީމަށް އެންމެ ޕެނަލްޓީއެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އަދި ޔަންގް ވަންސް ޓީމުގެ ހަމައެކަނި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިބްރާހިމް ޒަޔާން އެވެ.
މުބާރާތުގެ ސެމީ އަށް ފެނަކަ ދަތުރުކުރީ ކުއާޓާފައިނަލްގައި ރޭ ޖަންޓާ ގަރާޖާއި ބައްދަލުކުރި މެޗު ޕެނަލްޓީގައި 3-2 އިން މޮޅުވެގެންނެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.
ޕެނަލްޓީގައި ފެނަކަ އިން ޖެހި ތިން ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ޕެނަލްޓީތައް ފެނަކަ އަށް ކާމިޔާބުކޮށްދިނީ ހަސަން އަލްފާފް އާއި އަބްދުﷲ ރިޒްމީންގެ އިތުރުން އިބްރާހިމް ނިޒާރު އެވެ. ޖަންޓާ ގަރާޖުގެ ދެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހަސަން ލަވްހް އާއި މުހައްމަދު ރަފާހު އަބްދުﷲ އެވެ. އެޓީމުގެ އަމީން އިބްރާހިމް ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.
މުބާރާތުގެ ސެމީގައި ފެނަކަ ބައްދަލުކުރާނީ ޔަންގް ވަންސްއާ އެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ ޔަންގް މެޖެންޓާ އާއި ޒެފިޔާ އެވެ. ސެމީގެ މެޗުތައް ކުޅޭނީ މާދަމާ ރެ އެވެ.