މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުން ހަޑިކޮށް ނޫޅުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
އެމްޑީޕީ މެމްބަރުން ތިބި ގުރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި މެމްބަރު ރޮޒައިނާ އާދަމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުން ކަމަށެވެ.
"އެހާ ބޮޑަށް އަތް އުކާފަ، ކަނޑިކެ ނަގާ، ކަރުބުޑުން ނެރޭ އަޑުފައްގަނޑު ނެރި ހަޅޭލެވުން އެއީ މިޕާޓީއަށް ލިބޭ ވަރަށްބޮޑު ހުތުރެއް." ނަޝީދުގެ މެސެޖުގައިވެއެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ރީތިކޮށް އުޅުމަށް ދަންނަވާފައެވެ. އަދި ގައުމީ މަޖިލީހުގެ މެމްބަރުންވެސް އަހުލާގީ މިންގަނޑު ދޫކޮށްނުލުމަށް އެދިފައިވެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިމިވަނީ އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ މެމްބަރުން ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވަނިކޮށެވެ.
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން ކުރިއަށްދާ ކެމްޕޭނުގެ ފޯރި ގަދަވެފައިވާއިރު، އެ އިންތިހާބުގައި ވާދަކުރަނީ މިނިސްޓަރު ފައްޔާޒާއި މެމްބަރު އިމްތިޔާޒް ފަހުމީއެވެ. މީގެއިތުރުން އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވަނީ މެމްބަރު ރޮޒައިނާ އާދަމާއި ސަފާތު އަހުމަދު ޒާހިރެވެ.