Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ފްލެޓްތަކުގެ މެއިންޓަނަންސް ބަލަހައްޓާ: ކައުންސިލް

ހިތަދޫގައި މިހާރު ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ފްލެޓްތަކުގެ މެއިޓަަންނަސް މަސައްކަތްތައްތައް މިހާރު ވަރަށް ބޮޑު އިސްކަމެއް ދީގެން ގަވައިދުން ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ދަނީ އެކަށީގެންވާ ގޮތަށް މެއިޓަނަންސް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. މެއިންޓަނަންސް އަށް ފްލެޓްތަކުގައި އުޅޭ މީހުންގެ އަތުން ކޮންމެ މަހަކު 500ރ. ފީއެއް ވެސް ނަގަ އެވެ.

ފްލެޓްތަކުގެ މެއިންޓަންސްއާ ގުޅޭ ގޮތުން ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އައިމުނަތު އަދާލާ މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ފްލެޓްތަކުގެ މެއިންޓަނަންސް މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދާ ކަމަށް ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

"މިހާރު ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދެވޭ އެއް ކަމަކަށް ވާނެ ފްލެޓްތަކާ ގުޅުން ހުރި ކަންކަން. އެގޮތުން ފްލެޓްތަކުން މިހާތަނަށް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ލީކްވުމުގެ މައްސަލަ އަކީ މިހާރު އެކަން ހައްލުކުރަން ހުއްޓުމެއް ނެތި މަސައްކަތްތައް ވެސް ކުރިއަށްދާ ކަމެއް،" އޭނާ ވިދާޅުވި އެވެ. "މި މަސައްކަތުގެ ވަރަށް ބޮޑު މިހާރު ނިމިފައި ވެސް ވާނެ."

އަދާލާ ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ ބެލްކަނިތަކުގެ ރެއިލިންގައި ދަބަރު ޖަހާ މައްސަލަ އަކީ ވެސް ހައްލުކުރަން މަސައްކަތްކުރާ ކަމެކެވެ. އަދި ފްލެޓްތައް ހުރީ ފުދޭ ވަރަކަށް މޫދާ ކައިރި ސަރަހައްދެއްގައި ކަމަށްވުމުން ލޮނުގެ އަސަރުކޮށް، ރެއިލިންތަކުގައި އަވަސް އަވަހަށް ދަބަރު ޖެހުމަކީ ދިމާވާ ކަމެކެވެ.

ކައުންސިލަރު އަދާލާ.

އެހެންވެ މިކަން ހައްލުކުރުމަކީ ވެސް "ބޮޑު ޕްރޮޖެކްޓަކަށްވާތީ" އެކަމާ ގުޅުން ހުރި ކަންކަން މިހާރު ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އަދާލާ ވިދާޅުވި ގޮތުގައި ރެއިލިތައް އާކުރަން ވަރަށް ފަހުން މިނިސްޓްރީގައި އެދުމުން ކައުންސިލްގެ ފަރާތުން އެކަން ކުރިއަށް ގެންދަން އެންގުމުން އެކަމާ ގުޅޭ ގޮތުން ބީއޯކިއު ހެދި އިރު ފަސް މިލިއަނަށް ވުރެ އަގުބޮވާތީ އެކަން ވެސް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ އެވެ.

"އެގޮތުން މިނިސްޓްރީން އެންމެ ފަހުން އަންގާފައި އޮތީ މިނިސްޓްރީން އެކަން އަންނަ ހަފުތާގެ ތެރޭގައި ޓެންޑަރަށް ލާނެ ކަމަށް." އަދާލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިތަދޫ ފްލެޓްތަކަކީ މިހާރު ބޮޑު އާބާދީއެއް އުޅޭ ސަރަޖައްދަކަަށްވުމާ އެކު އެތަނުގެ އުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތްތައް މި ކައުންސިލް އައި ފަހުން ވެސް ހުއްޓުމެއް ނެތި އަންނަނީ ކުރަމުންނެވެ.

"ސަރަހައްދުގެ ލޭންޑްސްކޭޕިން އާއި ޕާކްތަކާއި މިހެން އެކިއެކި މަސައްކަތްތައް ހަމަ މަޑުމަޑުން ކުރިއަށް އެބަދޭ." އަދާލާ ވިދާޅުވި އެވެ. "ފްލެޓްތަކުގެ ގުޅ ކަންކަމަކީ ކައުންސިލުން ވަރަށް އިސްކަމެއް ދީގެން ބަލާ އަދި ފްލެޓާ ގުޅޭ ކަންކަމުގައި އަބަދު ވެސް ކައުންސިލްގެ ތެރޭގައި މަޝްވަރާ ވެސް ކުރެވޭ ކަމެއް."

ހިތަދޫގައި ހަދާފައި ވަނީ 264 ފްލެޓެވެ. އެ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށީ 2019 ގަ އެވެ.