Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ސާއިލްގެ "އެދުވަސް ގެނެވޭނެ" އުރީދޫ މޫލީއަށް

ފޮޓޯ: އުރީދޫ

ނަފްސާނީ ބަލިތަކުން އަރައިގަތުމަށް ނޫސްވެރިޔާ އަހުމަދު ސާއިލް ކުރި ދަތުރުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތް "އެދުވަސް ގެނެވޭނެ" އުރީދޫ މޫލީ މެދުވެރިކޮށް އާއްޖޭގެ ކޮންމެ ހިސާބަކަަށްވެސް ޑެލިވަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫން ބުނެފައިވަނީ، ޗައިލްޑްހުޑް އެންޒައިޓީ، އޮބްސެސިވް ކޮމްޕައިލް ޑިސްއޯޑާ (އޯސީޑީ)، އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި ދަތުރުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތް، "އެދުވަސް ގެނެވޭނެ" ރައްޖޭގެ ކޮންމެ ހިސާބަކަަށްވެސް ޑެލިވަރ ކުރުމުގެ ފުރުސަތު މޫލީ މެދުވެރިކޮށް ހުޅުވާލައިފައިވާ ކަމަށެވެ.

އުރީދޫން ބުނެފައިވަނީ ore.do/edhuvas އަށް ޒިޔާރަތް ކުރެއްވުމުން ފޮތަށް އޯޑަރު ކުރެވޭނެ ކަމަށެވެ.

ދިވެހި ބަހުން ލިޔެފައިވާ މި ފޮތުގައި މެޑިކަލް ރިސާޗްތަކާއި ހަގީގީ ދިރިއުޅުމުގެ ތަޖުރިބާތަކުގެ އަލީގައި، ދިރިއުޅުމުގެ ބައެއް ވޭންދެނިވި ނަފްސާނީ ބަލިތަށް ދިމާވުމުގެ ސަބަބުތަކާއި، މި ބަލިތަކުން ދިމާވާާ ގޮންޖެހުންތަކުން އަރައިގަނެ، އުފާވެރި ދިރިއުޅުމަކަށް ވާާސިލް ވެވޭނެ ގޮތްތަކަށް އަލިއަޅުވާލާފައިވެއެވެ.

"އެދުވަސް ގެނެވޭނެގެ ލޯންޗާއި ގުޅިގެން ސާއިލް އަށް މަރުހަބާ ދަންނަވަން. ނަފްސާނީ ދުޅަހެޔޮކަމުގެ ތަޖުރިބާއާއި މައުލޫމާތްތައް އެކުލަަވައިލައިގެން ދިވެހިން ލިޔެވިފައިވާ މިފަދަ ފޮތެއް މޫލީ މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޮރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ނަފްސާނީ ދުޅަހެޔޮކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ހޭލުންތެރިކަން ބޭނުންވާ މުހިންމު މައުލޫއެއް. އެހެންކަމުން، ސާއިލް ގެ ދަތުރުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މި ފޮތާއެކު މިފަދަ ގޮންޖެހުންތަކާ ކުރިމަތިލައި އެހެން ފަރާތްތަކަށް، އުންމީދާއި ހިތްވަރު އާލާވެ، މި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭނެކަމަށް އުންމީދުކުރަން." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

މި ފޮތް ކިއުއްވަން ޝައުގުވެރިވާ ފަރާތްތަކަށް މޫލީ މެދުވެރިކޮށް ބައްލަވައިގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެ ކަމަށާއި، ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ކޮންމެވަގުތަކު، ކޮންމެތާކު ހުރެގެންވެސް ފަސޭހަަކާއެކު ވިޔަފާރިކޮށްލެވޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ. ފޮޓޯ: އުރީދޫ