މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިހާރުގެ ގަވަރުނަރު އަލީ ހާޝިމްގެ ސޮޔާ އެކު 20ރ. ގެ އާ ނޫޓެއް މިއަދު ނެރެފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ އާ ނޫޓް މިހާރު އިގުތިސާދުގެ ތެރޭގައި ދައުރު ވެސް ކުރަން ފަށާފައިވާ ކަމަށެވެ. މިއީ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ސޮއިކުރައްވައި ރާއްޖޭގައި "ރަންދިފަ ފަހެއް" ގެ ނަމުގައި ފުރަތަމަ ފަހަރަށް ޕޮލިމާ ނޫޓް 2016 ގައި ބޭނުންކުރަން ފެށި ފަހުން 2018 ވަނަ އަހަރު ކުރީގެ ގަވަރުނަ އަހުމަދު ނަސީރު ސޮއި ކުރައްވައި 10 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ. އަދި އޭގެ ފަހުން މިއީ ޕޮލިމާ ނޫޓު ނެރޭ ދެވަނަ ފަހަރެވެ.

އެމްއެމްއޭ އިން ބުނީ ހާޝިމްގެ ސޮޔާ އެކު 20ރ. ގެ ނޫޓް އަލުން ޗާޕުކުރީ ޗާޕްކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން ކަމަށެވެ. އެ ޗާޕުކޮށްގެން ރާއްޖެ ގެނައީ އޮކްޓޯބަރު 13، 2021 ގަ އެވެ. އާ ނޫޓް ރަސްމީކޮށް ބޭނުން ކުރަން ފެށީ މިއަދެވެ.
އާ ނޫޓުގެ ތާރީހަކީ 01 ޖުލައި 2020 ،10 ޛުލްޤަޢިދާ 1441 އެވެ. މި ނޫޓާ އެކު 20ރ. ގެ ކުރީގެ ނޫޓު ވެސް ބޭނުންކުރަމުން ދާނެ އެވެ.
"ރަން ދިހަ ފަހެއް"ގެ ނޫޓު ސީރީޒްގައި 5، 10، 20، 50، 100، 500 އަދި 1،000ރ. ގެ ނޫޓް ހިމެނެ އެވެ.