ދަރިއަކު ލިބުމުން ފަނޑިޔާރުންނަށް ޗުއްޓީ ލިބޭ އިސްލާހު ތަސްދީގުކޮށްފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 7 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވާކަމަށެވެ.
މި ބިލަކީ، މާރިޗު 7 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްޤު، ކޮންމެ ފަނޑިޔާރަކަށްވެސް ލިބިގެންވާ ކަމަށވެެ. އަދި ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް 6 މަސްދުވަހުގެ ޗުއްޓީއެއް އަދި ދަރިއަކު ލިބުމާގުޅިގެން ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެކަމަށެވެ.
ވިހެއުމުން ކޮންމެ މަޔަކަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.