އައްޑޫ މަރަދޫގައި އިމާރާތްކުރަން ނިންމާފައިވާ އާ މިސްކިތުގެ ބިންގާ މިއަދު އަޅައިފި އެވެ.
އެ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބައެއް ވެރިންނާއި އައްޑޫގެ ބައެއް ކައުންސިލަރުންނާއި މަރަދޫގެ އެކި އޮފިސްތަކުން މުވައްޒަފުން ބައިވެރިވި އެވެ.
މިއަދު ބިންގާ އެޅި މިސްކިތަކީ ހިތަދޫ ކުންފުންޏެއް ކަމަށްވށާ ބީއޭޕީސީއާ ހަވާލުކޮށްގެން ސަރުކާރުގެ ހަރަދުގައި އިމާރާތްކުރާ މިސްކިތެކެވެ. އެ މިސްކިތުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި މިނިސްޓްރީއާ ދެމެދު ސޮއިކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 20 ގަ އެވެ.
މިއީ މަސައްކަތް ފަށާތާ 320 ދުވަސްތެރޭގައި ނިންމާ ހަމަޖެހިފައިވާ މިސްކިތެކެވެ. ދައުލަތުގެ ބަޖެޓުން 12.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މިއީ އަންހެނުންނަށް ވެސް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ގޮތަށް ހަދާ މިސްކިތެކެވެ.
މިނިސްޓަރު ޒާހިރު މިއަދު ވިދާޅުވީ ސަރުކާރުގެ ހަރަދުގައި މަރަދުގައި އާ މިސްކިތެއް އިމާރާތްކުރަން ނިންމި އެ އަވަށުގެ މިސްކިތްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ހެދި ކަމަށާއި އާ މިސްކިތް ނިންމައި ބޭނުން ކުރަން ފެށުމުން ދެ ޖިންސްގެ މީހުންނަށް ނަމާދުކުރަން އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.