Last Updated: June 30, 04:35
Monday, June 29, 2026
ޚަބަރު

އެމްވީކޭ ފެރީ ވަގުތީ ގޮތުން މެދުކަނޑާލައިފި

އެމްވީކޭ ހުޅުމީދޫ ފެރީއަށް ބަޔަކު އަރަނީ: ދަތުރުފަތުރުގެ މައްސަލަ ބޮޑު. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫގެ ދަތުރު ފަތުރުގެ ހިދްމަތް ދެމުން އަންނަ އެމްވީކޭ އިން ހުޅުމީދު އާއި ފޭދުއާއި ދެމެދު ބާއްވަމުން އައި ފެރީގެ ޚިދުމަތް ވަގުތީގޮތުން ހުއްޓާލައިފި އެވެ.

އެނގިފައިވާ ގޮތުގައި ފެރީގެ ހިދްމަތް މިފަހަރުވެސް މެދުކަނޑާލާފައިވަނީ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ ސަބަބުންނެވެ. އެގޮތުން ފާއިތުވި ތިން މަސް ދުވަހުގެ މުސާރަ މުވައްޒަފުންނަށް ނުދޭކަން ވަނީ އެނގިފައެވެ.

"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި މުވައްޒަފަކު ބުނީ މުސާރައިގެ އިތުރުން ދޯންޏަށް އަޅާ ޑީސަލް ވެސް ބަރާބަރަށް އެ ކުންފުންޏަށް ފޯރުކޮށް ނުދެވޭ ކަމަށެވެ.

"މިހާރު މުސާރަ ނުލިބޭތާ ތިން މަސްވެއްޖެ. މީ އަހަރެމެން ކާން ބޯން ކުރާ މަސައްކަތްތެއް. މިކަން ކުރެވޭނީ މިހާ ވަރަށް، މި ހިލޭ ކުރާ މަސައްކަތެއް ނޫން." އޭނާ ބުންޏެވެ.

އޭނާ ބުނީ ތެޔޮނެޅި ދަތުރު ކުރުމުގެ ސަބަބުން ބައެއް ފަހަރު ކަނޑުމެދަށް ފެރީ ހުއްޓި ހާލުގައި ޖެހިފައިވާ ކަމަށެވެ.

އެމްވީކޭގެ މުވައްޒަފުންނަށް މުސާރަ ނުދީގެން މީގެ ކުރިންވެސް ވަނީ ފެރީ ދަތުރުތައް ހުއްޓާލާފައެވެ. ނަމަވެސް ގަން އެއާޕޯޓް ކުންފުނީގެ ފަރާތުން އޭރުވަނީ ދަތުރު ހަމަޖައްސާދީފައެވެ.

އެމްވީކޭއިން އައްޑޫގެ އެެއްގަމާއި ކަނޑުގެ ދަތުރުފަތުރު ކުރުން ހަވާލުވެފައިވާ އިރު މިކުންފުންޏަށް މިކަން އެކަށީގެންވާ މިންވަރަށް ނުކުރެވޭ ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) ވަނީ ވިދާޅުވެފަ އެވެ.

ސޯބެ ވިދާޅުވީ ދަތުރުފަތުރުގެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީ އާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެމްވީކޭގެ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ ސަބަބުން ތަފާތު ފަހަރުމަތިން ވަނީ މުވައްޒަފުން މުޒާހަރާކޮށްފައެވެ. އެގޮތން ކުރިން އެމްވީކޭއިން ކުރަމުން ދިޔަ ޝަންގްރިއްލާ ދަތުރުތައް މުވައްޒަފުންގެ ހަޅުތާލާއި އެކު ހުއްޓުމަކަށް އައިސް އެދަތުރުތައްވަނީ އެމްވީކޭއަތުން ގެއްްލިފައެވެ.

ހުޅުމީދޫ އާއި ފޭދޫ އާއި ދެމެދު ކުރަމުން އައި ފެރީ ދަތުރުތައް މެދުކަނޑާލުމާއި ގުޅިގެން އާއްމު ރައްޔިތުންނަށް ދަނީ ބޮޑު ތަކްލީފަކާއި ކުރިމަތިލަމުންނެވެ. އެގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ހޯދަން ދާންޖެހޭ ހުޅުމީދޫގެ ގިނަ ބަޔަކު މިވަގުތު ތިބީ ރަށު ބަންދުވެފައެވެ.