Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

"އިންޑިއާ އައުޓަކީ ގެއްލުމެއް، ބައިވެރިނުވޭ"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ދިވެހިންނަށް އޭގެ ގެއްލުން ލިބޭނެ ކަމެއް ކަމަށާއި އެހެންވެ އެކަމުގައި ޕީޕީއެމްގެ މެމްބަރުން ބައިވެރިނުވާން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތަކީ ރައްޔިތުންގެ ތާއީދެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.

"…އެއީ ދިވެހިންނަށް އޭގެ ގެއްލުން ދޭނެ ކަމެއް. ޕީޕީއެމްގެ މެމްބަރުންގެ ކިބައިން ވަރަށް އިހުލާސްތެރިކަމާ އެކު އަޅުގަނޑު އެދެނީ ގައުމުތަކާ އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިނުވުމަށް." ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު އެގޮތަށް އެދިވަޑައިގަތް އިރު، "އިންޑިއާ އައުޓް" ކެމްޕޭން ނުހިންގޭނެ ކަމަށް ވިދާޅުވެ، އެ ހަރަކާތަކަށް ކުރިން ވެސް ނަޝީދު ވަރަަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ. އަދި އެފަދަ ހަރަކާތްތަކާ ދެކޮޅު ބިލެއް ވެސް އެމްޑީޕީން މަޖިލީހަށް ހުށަހެޅި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ފޮނުވަން ގޮވާލައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ ކެމްޕޭންގެ ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ހިންގަމުންނެވެ. އެގޮތުން މިއަދު ހަވީރު އދ. މަހިބަދޫގަ އާއި މާލޭގައި ވެސް ހަރަކާތްތަކެއް ބާއްވަން ހަމަޖެހިފައިވެ އެވެ.