ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް މި އަހަރު 50 އަހަރު ފުރިފައިވާތީ އެކަމާ ގުޅުވައިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ރަން ޔޫބިލް އަށް ހާއްސަ ތީމް ލަވަ ރޭ ނެރެފި އެވެ.
"ނަލަނަލަ ރާއްޖެ" ލަވަ ވީޑިއޯ އެކު ދައްކައިލަން ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޝޯއެއްގައި ލަވަ ނެރެދެނީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީން ފާހަގަކޮށްލެވޭ ފަންނާނުންތަކެއް ކަމަށްވާ އަހުމަދު މާޖިދު (މެޒޯ މޯޑް)އާއި އަބްދުލް ރަޝީދު (އަބުސީ) އާއި އަދި ނިޝް ނާޝިދެވެ. "ނަލަ ނަލަ ރާއްޖެ" ވީޑިއޯ ލަވަ ތައްޔާރުކުރީ ޓޫރިޒަމް މިނިސްޓްރީ އާއި މިއުޒިކް ޔޫނިއަން މޯލްޑިވްސްއާ ގުޅިގެންނެވެ.
ޓޫރިޒަމްގެ ބައި ގަރުނާ ގުޅުވައިގެން ރޭގެ ޝޯގައި މިނިސްޓްރީން ވަނީ ޓިކްޓޮކް ޗެލެންޖެއް ވެސް އިއުލާންކޮށްފަ އެވެ. އެ ޗެލެންޖް ހުޅުވާލީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. މި ޓިކްޓޮކް ޗެލެންޖް މިއަދުން ފެށިގެން މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.
ޗެލެންޖުގައި ބައިވެރިވާ މީހުންނަށް އިނާމުތަކެއް ވެސް ހުށަހަޅާފައިވެ އެވެ. އެގޮތުން ދިވެހިންގެ ކެޓަގަރީގައި 10،000 ފޮލޯވަރުން މަތި އަދި 10،000 ފޮލޯވަރުންން ދަށުން އެއް ވަނަ އަށް އަންނަ ކޮންމެ މީހަކަށް 25،000ރ. ދެވަނަ އަށް 15، 000 އަދި ތިންވަނަ އަށް 10،000ރ. ލިބޭނެ އެއެވެ.
ޗެލެންޖްގައި ރާއްޖޭން ބޭރުން ބައިވެރިވާ މީހުންގެ ކެޓަގަރީގައި މިލިއަން ފޮލޯވަރުންނަށް ވުރެ ގިނަ މިލިއަން ފޮލޯވަރުންނަށް ވުރެ މަދުން ފޮލޯވަރުން ތިބި މީހުންގެ ތެރއިން ކޮންމެ ފަރާތަކަށް 8 ދުވަހުގެ ހޮލިޑޭ ޕެކޭޖެއް (ދެ މީހަކަށް) ލިބޭނެ އެވެ. އަދި ދެވަނަ އަށް އަންނަ 5 ދުވަހުގެ ހޮލިޑޭ ޕެކޭޖެއް (2 މީހަކަށް) ލިބޭނެ އެވެ.