Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

އެމެރިކާގެ ބައެއް އިސް ފަރާތްތަކާ ހަލީލް ބައްދަލުކޮށްފި

އެމެރިކާ ސަރުކާރުގެ އިސް ބައެއް ފަރާތްތަކާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާއާއި ބެހޭ އެންމެ އިސްވެރިޔާ، އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫ އާއި ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް ބައްދަލުކުރައްވާފައިވަނީ މިއަދު އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީ ގައި ކަމަށެވެ. މީގެ އިތުރުން ޔޫ.އެސް އޭޖެންސީ ފޮރ އިންޓަނޭޝަނަލް އެއިޑް (ޔޫ.އެސް އޭ.އައި.ޑީ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ކަންތަކާ ހަވާލުވެ ހުންނެވި އެކްޓިންގ ޑެޕިއުޓީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓަރ ތިއޮޑޯރާ ޑެލް އާއިއެކުވެސް ސްޓޭޓް މިނިސްޓަރ ޚަލީލު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫ އާއިއެކު ބޭއްވެވި މަޝްވަރާތަކުގައި ދެ ބޭފުޅުން އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުންނާއި ތައުލީމާއި، ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މަސްރަހުގައި ހިނގާ ދެޤައުމާ ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ޔޫ.އެސް.އޭ.އައި.ޑީ އާއެކު ސްޓޭޓް މިނިސްޓަރ ޚަލީލް ކުރެއްވި މަޝްވަރާތަކުގައި އެ އޭޖެންސީގެ އެހީތެރިކަމާއެކު ރާއްޖޭގައި މިހާރު ހިންގަމުންދާ އެކިއެކި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ސްޓޭޓް މިނިސްޓަރ ޚަލީލްގެ އަރިހުގައި ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެންއާއި، އެމްބަސީގެ މިނިސްޓަރ-ކައުންސެލަރ ހަސަން އާދަމްގެ އިތުރުން ފޮރިން މިނިސްޓްރީގެ ބައެއް އިސް ފަރާތްތައް ބައިވެރިވެވަޑައިގެންފައިވެއެވެ.