Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

އަހަރުގެ މިހާތަނަށް 300،000 އަށް ވުރެ ގިނަ ޓޫރިސްޓުން

ރާއްޖެއަށް މިއަހަރު މިހާތަނަށް ތިން ލައްކައަށްވުރެއް ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މާޗް 9 ވަނަ ދުވަހާ ހަމައަށް ވަނީ 324،742 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.

އެގޮތުން މާޗް މަހު މިހާތަނަށް 43،971 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ފެބްރުއަރީ މަހު 149،008 ފަތުރުވެރިން އަދި ޖެނުއަރީ މަހު 131،764 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ ރަޝީޔާއިންނެވެ. އެގައުމުން 48،173 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 36،608 ފަތުރުވެރިން އަދި އިންޑިއާއިން 31،433 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މީގެއިތުރުން އިޓަލީ، ޖަރމަނީ، ޔޫކްރެއިން، އެމެރިކާ، ފްރާންސް، ސައުދިއަރަބިއްޔާ އަދި އޮސްޓްރިއާއިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 54،340 އެނދު އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނެނީ 162 ރިސޯޓުގައި 38،822 އެނދު، 651 ހޮޓެލް، ގެސްޓްހައުސްގައި 12،592 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2920 އެނދެވެ.

މިދިޔަ 2021 ވަނަ އަހަރު ރާއްޖެއަށް 1،321،932 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.